ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ކުއްލި މައްސަލަ ހުށަހަޅަނީ ވަގުތު ބޭކާރުކުރަންކަމަށާއި އެ ކަން ހުއްޓުވުމަށް ގަވާއިދު ހަރުކަށި ކުރަންޖެހޭކަމަށް ޕީއެންސީގެ ބައެއް މެމްބަރުން ގޮވާލައިފިއެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުންތަކެއް މި ފަދައިން ގޮވާލީ އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. މި މައްސަލަ ޕީއެންސީގެ މެންބަރުން ޖެއްސުމުގެ އެންމެ ބޮޑު އެއް ސަބަބެއްގެ ގޮތުގައި ބެލެވެނީ ދައުލަތުގެ ހަރަދުގައި ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ނުފޮނުވާކަމަށް ބުނެ އެމްޑީޕީން ކުއްލި މައްސަލައެއް ހުށަހެޅުމުވެ. ޕީއެންސީގެ މެޖޯރިޓީން ވަނީ އެ މައްސަލަ ބޭރު ކޮށްލައިފައެވެ. މިދިޔަ ހަފްތާގެ ބުދަ ދުވަހު އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލައެއް ވެސް ޕީއެންސީން ވަނީ ބޭރުކޮށްލައިފައެވެ.
ޕީއެންސީގެ ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި އިދިކޮޅު އެމްޑީޕީން މަޖިލީހަށް ކުއްލި މައްސަލަތައް ހުށަހަޅަނީ ވަގުތު ބޭކާރު ކުރުމަށެވެ. އަދި މި ގޮތަށް ވަގުތު ނަގާލަން ފުރުސަތު ނުދިނުމަށާއި ކުއްލި މައްސަލަތައް ފަސޭހައިން ހުށަނޭޅޭ ގޮތް ހެދުމަށް މެމްބަރުން ވަނީ ގޮވާލާފައެވެ.
މަޖިލީހުގައި ވާހަކަ ދެއްކެވި ޕީއެންސީގެ ބައެއް އެހެން މެންބަރުން ވެސް ވަނީ އެ ހުށަހެޅުމަށް ތާއީދު ކުރައްވައިފައެވެ. ޕީއެންސީގެ ގިނަ މެންބަރުން ގަބޫލުކުރައްވާ ގޮތުގައި އެމްޑީޕީގެ ބޭނުމަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ބޭކާރު މަޖިލީހަކަށް ހެދުމެވެ.