-Advertisement-

-Advertisement-

ބަންކަރިންގެ ހިދުމަތުން 400 މިލިއަން ޑޮލަރުގެ އާމްދަނީ ހޯދޭނެ: ސައީދު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު. ފޮޓޯ: މިހާރު

ހއ. އިހަވަންދިއްޕޮޅުގައި އެސްޓީއޯއިން ތަރައްޤީ ކުރާ ބައިނަލްއަގުވާމީ ބަންކަރިންގެ މަޝްރޫޢު ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފެށުމުން، އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބި އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޖީޑީޕީއަށް 400 މިލިއަން ޑޮލަރު އިތުރުވާނެކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މި ފަދައިން ވިދާޅުވީ ޕީއެންސީން މިދިޔަ އާދީއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސައީދު އިތުރަށް ވިދާޅުވީ ބަންކަރިންގެ މަޝްރޫޢު ނިންމައި، މަހެއްހާ ދުވަހުގެ ތެރޭގައި ރަސްމީކޮށް ހިދުމަތް ފަށާނެކަމަށެވެ.

އެސްޓީއޯއިން މިދިޔަ ހަ މަސްދުވަހުގެ ތެރޭގައި ބަންކަރިންގެ ހިދުމަތަށް ބޭނުންވާ ބޮޑު ދެ ޓޭންކަރު ގަނެފައިވާކަމަށް ވެސް ސައީދު ވަނީ ވިދާޅުވެފައެވެ. ސައީދު ވިދާޅުވީ އެމްއެންޑީއެފްއާ ގުޅިގެން ޗާޓުތައް އަޕްޑޭޓްކުރުމުގެ މަސައްކަތުގެ އިތުރުން މި ހިދުމަތް ފެށުމަށްޓަކައި ކަސްޓަމްސްއާއި އިމިގްރޭޝަންއާ އެކު ވެސް އެސްޓީއޯއިން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ބަންކަރިންގެ ހިދުމަތަކީ އެ ކަމުގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ އަސަރުތަކެއް ކުރުން އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ސައީދުގެ ވާހަކަފުޅުގައި އެ ކަމަށް ވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ. ސައީދު ވިދާޅުވީ ބަންކަރިންގެ ހިދުމަތާ އެކު ކުރިމަތިވެދާނެ ތިމާވެށީގެ މައްސަލަތަކަށް ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ތައްޔާރުވަމުން އަންނަކަމަށެވެ.

“މިދިޔަ ހަ މަސްދުވަހުގެ ތެރޭގައި ބަންކަރިން ހިދުމަތުގެ ވަޒީފާއަށް ނެގުމަށްޓަކައި 40 މީހުންގެ ވަޒީފާ މީގެ ގާތްގަނޑަކަށް ތިން ހަފުތާ ކުރިން އެސްޓީއޯއިން ވަނީ އިއުލާންކޮށްފައި،” ސައީދު ވިދާޅުވިއެވެ. “މިއަދުން ފެށިގެން އިރާދަކުރެއްވިއްޔާ އެއް މަސްދުވަސް ތެރޭގައި ބަންކަރިންގެ ހިދުމަތް ސަރުކާރުން ރަސްމީކޮށް އުތުރުގައި ފަށާނެ.”

މި ހިދުމަތަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ހިދުމަތެއްގެ ގޮތުގައި ސައީދު ވަނީ ސިފަކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ޖީޑީޕީއަކީ މިހާރު 6.5 ބިލިއަން ޑޮލަރު ކަމަށްވާ އިރު، ބަންކަރިންގެ ހިދުމަތް ފެށުމުން އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޖީޑީޕީއަށް 400 މިލިއަން ޑޮލަރު އިތުރުވާނެކަމަށް ސައީދު ވަނީ ލަފާކުރައްވާފައެވެ. މީގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިރުން ލިބި، ވަޒީފާގެ ފުރުސަތުތައް އިތުރުވާނެކަމަށް ގަބޫލުކުރެއްވޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ނިމިދިޔަ ދައުރުގައި އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ފެށުމަށް އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިން (ޔޫސީސީ) ކުންފުންޏާ އެކު ހެދި އެއްބަސްވުން މިދިޔަ ފެބްރުއަރީ މަހުގެ ނިޔަލަށް ހަމަވެފައިވާ އިރު އެ މަސައްކަތް ކުރެވިފައި ނެތްކަން ފާހަގަކޮށްލެވެއެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-