ޤުރުއާން އަދި ޤުރުއާނާ ގުޅުންހުރި ދާއިރާތައް އޮންލައިންކޮށް ކިޔަވައިދިނުމުގެ ހުއްދަ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ(އެމްކިއުއޭ)އަށް ދީފިއެވެ.
މި ކަމާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެމްކިޔުއޭގެ ސީއީއޯ، މަރްޔަމް ފިޒާނާ ރަޝީދު ވިދާޅުވީ ރާއްޖޭގައި ކޯސްތައް އޮންލައިންކޮށް ކިޔަވައިދިނުމުގެ ގައިޑްލައިނެއް 2022 ވަނަ އަހަރުގެ އޮގަސްޓް މަހު އެމްކިއުއޭއިން ޢާންމުކުރީންސުރެ، އޮންލައިންކޮށް ކިޔަވައިނުދެވޭނެ 8 ދާއިރާއެއް ހިމެނޭކަމަށެވެ. އެގޮތުން އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީން ކިޔަވައިނުދެވޭނެކަމަށް މިހާތަނަށް ކަނޑައަޅާފައިވާ 8 ދާއިރާގެ ތެރޭގައި ޤުރުއާނުގެ ކޯސްތައްވެސް ހިމެނެއެވެ. އަދި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު އެ މާއްދާތައް އޮންލައިންކޮށް ކިޔަވައިދިނުމުގެ ހުއްދަ އެ ވުޒާރާއިން ލިޔުމުން ދީފައިވާކަމަށް ފިޒާނާ ވިދާޅުވިއެވެ.
މަޢާނިލް ޤުރުއާން އަދި ޢުލޫމުލް ޤުރުއާން ފަދަ މާއްދާތައް މިހާރު ވެސް އޮންލައިންކޮށް ކިޔަވައިދެވިދާނެކަމަށާއި ތިލާވަތް އަދި ހިފްޒު ފަދަ މާއްދާތައް ވަކި އުސޫލެއްގެ މަތިން އޮންލައިންކޮށް ކިޔަވައިދެވިދާނެކަމަށް އެމްކިއުއޭއިން ބުނެއެވެ. އެހެންނަމަވެސް އިމްތިހާނުތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމުގެ ފުރުސަތު ނޯންނާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާ ހަވާލާދީ އެމްކިއުއޭއިން ވަނީ ބުނެފައެވެ.
އެމްކިއުއޭގެ އީ-ލަރނިންގ ގައިޑްލައިންގައި ބަޔާންކުރާ ގޮތުގައި އޮންލައިންކޮށް ކޯހެއް ކުރިއަށް ގެންދެވޭނީ އެ ދާއިރާގެ ޤާނޫނީ ބާރުލިބިފައިވާ ކައުންސިލްތަކާއި، ކަމާބެހޭ ރެގިއުލޭޓަރީ އިދާރާ ތަކުން އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީން ކިޔަވައިދިނުމަށް ހުއްދަ ދިނުމުންނެވެ.
މިހާރު ރާއްޖޭގައި އޮންލައިންކޮށް ކިޔަވައިނުދެވޭނީ 7 ދާއިރާއަކުންނެވެ. މި 7 ދާއިރާއަކީ މެޑިސިން އެންޑް ޑެންޓިސްޓްރީ، ޕްރެކްޓިކަލް ޑިސިޕްލިން އޮފް ހެލްތު ސައިންސަސް، ނާސިން، ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން، އިންޖިނިއަރިން، އާކިޓެކްޗަރ އަދި ޓީޗިންއެވެ.