ފުލުހުން ބަލަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދުމަށް އިއުލާނުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައާއި ގުޅިގެން ހޯދަމުން އަންނަ މއ ނިކަގަސްދޮށުގެ، އުމުރުން 38 އަހަރުގެ މުހައްމަދު ޝަރޫޖު އާދަމްއަކީ، ލ. މާމެންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައަކާއި ގުޅިގެން އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ފަރާތެއް ކަމަށެވެ.
އެގޮތުން ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް ފުލުހުން ވަނީ އިއުލާނުކޮށްފައެވެ.
އެގޮތުން މި މައްސަލައިގައި ޝަރޫޖު ހާޒިރުކުރަނީ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
އެގޮތުން އާދަމް ހަލީމް ކްރަމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، މި މަހުގެ 16 ވަނަ ދުވަހުގެ 10:00 އަށް ހާޒިރުވުމަށް ފުލުހުން ވަނީ އިއުލާނުކޮށްފައެވެ.