އަލުވިއަކީ އަހަރެމެންގެ ގޭބިސީތަކުގައި އެންމެ އާންމުކޮށް ބޭނުންކުރާ އެއް ތަރުކާރީއެވެ. އެތައް ވައްތަރެއްގެ ކާއެއްޗެހި ތައްޔާރުކުރެވޭ އަލުވި އަކީ ކޮންމެ މުނާސަބާއަކާއިވެސް ގުޅޭ ތަފާތު އެކި ވައްތަރުގެ ކާއެއްޗިހި އޭގެން ތައްޔާރުކުރެވޭ ތަރުކާރީ އެކެވެ. އެކަމަކު، ބައެއް ފަހަރު ފިހާރައިން ގަންނައިރު ނުވަތަ ގޭގައި ބަހައްޓާފައި ހުންނައިރު ކުރި ފަޅާފައިވާ އަލުވި ހުންނަކަން ފާހަގަކުރެވެއެވެ. މިގޮތަށް ހުންނަ އަލުވި ކެއުމުން ހަށިގަނޑަށް ކުރާ އަސަރާއިމެދު އަދި މިއީ ހަށިގަނޑަށް ގެއްލުން ލިބިދާނެ އެއްޗެއްކަމާއި މެދު ވިސްނާލިން ހެއްޔެވެ؟
ކުރިފަޅާފައިވާ އަލުވިއަށް ބަލާއިރު މިފަދަ އަލުވީގައި އަހަރުމެންގެ ހަށިގަނޑަށް ގެއްލުންހުރި ދެ މާއްދާއެއް އެކުލެވިގެންވެއެވެ. އެއީ ގްލައިކޯއެލްކަލޮއިޑްސް އާއި ސޮލާނިންއެވެ. ޑައިޓީޝަން ޑރ. ވީނާ ވީ ވިދާޅުވާ ގޮތުގައި މި ދެ މާއްދާއަކީ ގިނަ އަދަދަކަށް އިންސާނެއްގެ ހަށިގަނޑަށް ހިނގައްޖެނަމަ، އޭގެން އަހަރެމެންގެ ހަށިގަނޑަށް ގެއްލުންވާ މާއްދާތަކެވެ. މިސާލަކަށް މިމާއްދާތައް ހަށިގަނޑުގެ އެތެރެއަށް ދިއުމުން ބަނޑުގައި ރިއްސުމުގެ އިތުރުން ހިތާއި ނާރުތަކަށްވެސް މީގެ އަސަރު ކުރެއެވެ.
އެހެންކަމުން، އަލުވީގައި ކުރިފަޅަން ފަށާއިރު އެބައިތައް ސާފުކުރުން ވަރަށް މުހިންމެވެ. މިގޮތުން އަލުވި ސާފުކުރާއިރު އެންމެ ރަނގަޅީ ތޮށި މަށާ ފަދަ އާލާތެއް ބޭނުންކުރުން ކަމަށް ވިދާޅުވަމުން، ޑރ. ވީނާ ވިދާޅުވަނީ ކުރިތައް ނައްތާލުމާއިއެކު ތަރުކާރީގެ އެތެރޭގައި އެއްވެސް މުލެއް އުފެދިފައިވާނަމަ ކުރިއާއި އެކު މޫގަނޑުވެސް ސާފުކުރަންޖެހޭނެ ކަމަށެވެ. އަދި ހަމައެއާއިއެކު، މިގޮތަށް ޕީލްކޮށްލުމަށްފަހު އަލުވި ބޭނުންކުރުމުގެ ކުރިން ދޮވެ ސާފުކުރުމަށް ވެސް ޑރ. ވިނާ ވިދާޅުވިއެވެ.
މިގޮތަށް ގޭގައި ހުންނަ އަލުވިއިން ކުރިފަޅާކަން ފާހަގަކުރެވޭނަމަ، އެކަން ހުއްޓުވުމަށް ކުރެވިދާނެ ބައެއް ކަންކަން އެބަހުއްޓެވެ. މިގޮތަށް ގަސްހެދުމުގައި އެއެއްޗިހި ހުންނަ ތަނެއްގައި އަލިކަން ހުންނަ މިންވަރާއި، ފިނިހޫނުމިންވެސް މުހިންމު ރޯލެއް އަދާ ކުރެއެވެ. އެހެންކަމުން އަލުވި ބެހެއްޓޭތަނަކީ ފިނި އަދި އަނދިރި ތަނަކަށް ހެދުމަކީ މިގޮތަށް އަލުވިން ކުރިފެޅުމުން ރައްކާތެރިކޮށްދޭނެ ކަމެކެވެ.
އަދި މިގޮތަށް އަލުވި ރައްކާކުރާއިރު ބައެއް މޭވާގެ ބާވަތްތަކާއި އެކުގައި ބެހެއްޓުމަކީވެސް އަލުވިން ކުރިފެޅުމަށް މަގުފަހިވެދާނެކަމަކަށްވާތީ، އެކަމަށް ސަމާލުކަން ދިނުންވެސް މުހިންމެވެ. މިސާލަކަށް އާފަލާއި އޮރެންޖަކީ އެމޭވާތަކުން އެތިލިން ގޭސް ދޫކުރާ މޭވާތަކަކަށްވާތީ މިފަދަ މޭވާއަކާއި އެކުގައި އަލުވި ބަހައްޓާ ނަމަ، އޭގެން ކުރިފެޅުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ.