ޓެކްސް އެޕީލް ޓްރައިބިއުނަލާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަލް ކޮމިޓީން ސިއްރު ކުރަން ނިންމި މަޢުލޫމާތުތަކެއް މާލިއްޔަތު ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހިމް މިއަދު ހާމަކުރައްވައިފި އެވެ.
މިއަދު އޮތް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މުގައްރިރު ގާސިމް ވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލާ ގުޅޭ ގޮތުން މީހަކު ހުށަހެޅި ސިޓީއެއް އިއްވަވާފަ އެވެ. ގާސިމް ވަނީ މަޖިލީހަށް އެސިޓީ ފޮނުވި މީހާގެ ނަމާއި އެޑްރެސް ވެސް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ދިޔަ މާލިއްޔަތު ކޮމިޓީގައި ހާމަކޮށްފައެވެ.
ނަމަވެސް މިދިޔަ ހަފްތާގައި ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި އެ މީހާގެ ވަނަވަރު ހާމަކުރަން ކޮމިޓީގެ މެންބަރުންނަށް ނުފެންނަ ކަމަށް ވަނީ ކަނޑައަޅާފައެވެ. އެދުވަހުގެ ބައްދަލުވުން ސިއްރުކޮށްގެން ކުރިއަށް ގެންގޮސްފައިވާއިރު، އެބައްދަލުވުން ސިއްރުކުރީ މައްސަލަ ހުށަހެޅި ފަރާތް ހާޒިރުކޮށް މައުލޫމާތު ސާފުކުރުމަށެވެ.
މިއަދު އޮތް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މުގައްރިރު ގާސިމް އިއްވާވާ އެ މައްސަލަ ހުށަހަޅާފައިވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ބައެއް މެންބަރުން އެ ތަން ހިންގުމަށް ނުފޫޒު ފޯރުވަމުންދާތީ އާއި ކުރަން ނުޖެހޭ ގިނަ ހަރަދުތަކެއް ބަޖެޓުންކޮށް، ގާނޫނާ ހިލާފަށް އެތަނުގައި ކަންތައްތަކެއް ހިންގަމުންދާ ކަމަށް ބުނެ އެކަންކަން ބަލައިދިނުމަށް އެދިފައިވެއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޖުޑިޝަރީ ކޮމިޓީގެ މެންޑޭޓްގައި ހިމެނޭ ތަނެއް ކަމަށާއި އެ މައްސަލަ އެ ކޮމިޓީން ބަލަމުންދާ ކަމަށް މާލިއްޔަތު ކޮމިޓީގެ ސެކްރެޓެރީ ބުނެފައިވެއެވެ. އެހެންކަމުން އެ ސިޓީއާ ގުޅިގެން އެ ކޮމިޓީން ވަކި ގޮތެއް ނިންމަން ނުޖެހޭ ކަމަށް މާލިއްޔަތު ކޮމިޓީއިން މިއަދު ނިންމާފައިވެއެވެ.