ހިލޭ ޑިގްރީ ޕްރޮގްރާމް ހިންގާފައިވަނީ ބޮޑު ސްކޭމެއްގެ ގޮތުގައިކަމަށް އިއްޔެ މަޖިލީހުގައި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވުމުން އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި، މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ބަހުސްގައި ޝުޖާއު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ފެށި ހިލޭ ޑިގުރީ ޕްރޮގްރާމަކީ ސްކޭމެއްކަމަށެވެ. އަދި ހިލޭ ޑިގްރީ ޕްރޮގްރާމްތައް ހިންގީ ކޯސްތަކުގެ އަގު ވައްޓާލައި 60 ޕަސެންޓަށް ސަބްސިޑީއެއް ދޭ އުސޫލުންކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ ހިލޭ ޑިގްރީ ޕްރޮގްރާމަކީ ސްކޭމެއް ނޫންކަމަށާއި އެ ޕްރޮގްރާމް ހުއްޓާނުލައި ކުރިއަށް ގެންދިޔުމަށް އެމްޑީޕީން ވަރަށް ބޮޑަށް އެދޭކަމަށެވެ.
“ހިލޭ ޑިގްރީ ޕްރޮގްރާމް އޭގެ އެންމެ ފުރިހަމަ މާނައިގައި ކުރިއަށް ގެންގޮސްދިނުމަށް އެދެން. އެއީ ވަރަށް މުހިންމު ކަމެއް. ވަރަށް ގިނަ ޒުވާނުންގެ މުސްތަޤުބަލާ ގުޅިފައި އޮތް ކަމެއް،” މައުރޫފް ވިދާޅުވިއެވެ.
ސަރުކާރުން ވަނީ ހިލޭ ޑިގްރީގެ ދަށުން ކިޔެވުމަށް ރާއްޖޭގެ ދެ ޔުނިވާސިޓީއަށާއި ނުވަ ކޮޖެލަކަށް ފައިސާ ދޫކޮށްފައެވެ. އަދި ފާއިތުވި ފަސް އަހަރު ސަރުކާރުން ހިލޭ ޑިގްރާއަށް 695 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން އަމިއްލަ ފަރާތަކުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީގައި އެދިގެން ލިބުނު ތަފާސްހިސާބުތަކުން ދައްކައެވެ.