ފައިސާ ޗާޕްކުރުމަކީ ގޯސްކަމެއް ނޫންކަމަށާއި ފައިސާ ޗާޕު ކުރުމުން އިންފްލޭޝަން ނުވާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ރޭ ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ރައްޔިތުން ބަނޑަށް ޖެހި ވިޔަފާރިތައް ފުނޑިގެން ދިޔަ ނުދިނުމަށްޓަކައި ފައިސާ ޗާޕްކުރަން ޖެހޭ ކަމަށާއި އެއީ ކުރުން ގޯސް ކަމެއް ނޫން ކަމަށާއި އެކަމާ އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުބޮޑުވުމާ ވެސް ގުޅުމެއް ނެތް ކަމަށެވެ.
“އެހެންވީމާ ވިސްނުންތެރިކަމާ އެކު ފައިސާ ޗާޕްކުރައްވައިގެން ވިޔަސް ވިޔަފާރިތައް ފުނޑު ފުނޑުވިޔަ ނުދެއްވާށޭ އެ މީހުންނަށް އެ ލާރި ދެއްވާށޭ. އެއްޗެހިީގެ އަގު ކުޑަކުޑަ ތަންކޮޅެއް ބޮޑުވެދާނެ، އެކަން ނުކޮށްފިއްޔާ މިހާރު އެހެން ހުރިހާ ވިޔަފާރިތައް ފުނޑުފުނޑު ވެގެން އެދަނީ އެމީހުންގެ މުވައްޒަފުން ވަޒީފާ ގެއްލެނީ،” ފައްޔާޒު ވިދާޅުވިއެވެ.
“އެ މީހުންގެ ވަޒީފާތައް ގެއްލުނީމާ ކަންމަތީ ފިހާރަތަކުގެ ސޭލްސް ޑަބަލް ތިރިވެއްޖެ،. ކޮފީ ޝޮޕްތައް އެ އޮތް ހުއްޓެނީ. އެހެންވީމަ އެއްޗެހީގެ އަގު ކުޑަ ތަންކޮޅެއް ބޮޑުވުންތޯ މީގައި ރަނގަޅީ ނޫނީ މީހުންތައް ފުނޑު ފުނޑުވެގެން ގޮސް ވަޒީފާތައް ގެއްލި އެ މީހުން ކާނެބޯނެ ގޮތެއް ނެތިގެން ދިޔުންތޯ؟ އެމީހުން ކުލި ނުދެއްކުނީމާ އިމާރަތްތަކުން ނިކުތީމާ އިމާރަތްތަކުގެ ވެރިފަރާތް ބެންކަށް ދައްކަން ޖެހޭ ލާރި ނުދެއްކިގެން އައިސް މި ހުރިހާ ކަމަކާއި ވިސްނަން ޖެހޭނެ.”
ރައީސް ޑރ މުހައްމަދު މުއިއްޒު ފައިސާ ފައިސާ ޗާޕް ނުކުރާނެ ކަމަށް ވިދާޅުވިޔަސް އެއީ ގަދަ ކަމެއް ނޫން ކަމަށާއި، ފައިސާ ޗާޕް ކުރުމަކީ ކުރަން އޮންނަ ކަމެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި ފައިސާ ޗާޕް ކުރުމަށްފަހު އިތުރު ފިޔަވަޅުތައް އަޅަންޖެހޭ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.
“ފައިސާގެ އަގު ދަށްވިޔަސް ހެވެއް ނޫންތޯ؟ އަޅުގަނޑު މިދަންނަވާ ވާހަކަ އަކީ ފައިސާގެ އަގު ބޮޑުކޮށްގެން ތިބެންވީހޭ މީހުން ބަނޑަށް ޖެހި މަރުވާން. އެނިންމުން ނިންމަވާނީ އެ ބަޔަކު. އަޅުގަނޑުގެ ނިންމުމަކަށް ނަމަ ވާނީ އޭގެ އަގުބޮޑުވީ ނަމަވެސް އެކަމަކު އެއާއެކު ކުރަން ޖެހޭ ކަންކަން ހުއްނާނެ އެހެންވީމާ އެއް ބިލިއަން ރުފިޔާ ޗާޕްކޮށްފައި ވިޔަފާރިތަކަށް ދީފައި ސިޔާސީ މަގާމުތަކުން އެއް ބިލިއަން ރުފިޔާ ކަނޑާލަބަލަ،” އޭނަ ވިދާޅުވި އެވެ.
“މިއީ ކޭޝް ފުލޯ މެނޭޖްކުރަން ކުރާކަމެއް، މިއަދުގެ ކޮޅު ބަދަކުރެއްވި ކުރީގެ މެމްބަރަކަށް ސްޓޭޓް މިނިސްޓަރު ކަން ވެސް ދެއްވައިފި.”
ރައީސް ޑރ. މުއިއްޒު ވަނީ ފައިސާ ޗާޕް ނުކުރުމަށް ވައުދުވެ ވަޑައިގެންފައެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި ފައިސާ ޗާޕްކުރުން ހުއްޓާލިކަން ހާމަކޮށް ރައީސް ވިދާޅުވީ ގައުމު ހިންގާނީ ފައިސާ ޗާޕް ނުކޮށް ކަމަށެވެ.