-Advertisement-

-Advertisement-

އެމްއެމްޕީއާރުސީން ބައެއް މުވައްޒަފުން ވަކި ކުރީ ރީ-ސްޓްރަކްޗާ ކުރުމުގެތެރެއިން: ޝިއުރީ

އެމްއެމްޕީއާރުސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ. ފޮޓޯ: ޓްރެވެލް ޓްރޭޑް މޯލްޑިންސް

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބައެއް މުވައްޒަފުން މަގާމުން ވަކިކުރީ ކުންފުނި ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ކުރަމުންދާތީކަމަށް މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވެއްޖެއެވެ.

ޝިއުރީ މިހެން ވިދާޅުވީ އިއްޔެ މީޑިއާއަކަށް ދިން ބަސްދީގަތުމެއްގައެވެ. އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ބައްސާމް އާދަމާއި ޗީފް ކޯޕަރޭޓް އޮފިސަރު އިބްރާހިމް އާސިމް ވަކިކުރަން ބޯޑުން މިދިޔަ ހޯމަ ދުވަހު ވަނީ ނިންމައިފައެވެ. އަދި ޗީފް މާކެޓިން އޮފިސަރުގެ މަގާމު ވެސް އުވާލުމަށް ވަނީ ނިންމާފައިކަމަށް މައުލޫމާތު ލިބެއެވެ. ޗީފް މާކެޓިން އޮފިސަރުގެ މަގާމުގައި ހުންނެވި މުވައްޒަފު މިދިޔަ އޭޕްރީލް މަހު އިސްތިއުފާ ދެއްވައިފައިވުމުގެ ސަބަބުން މި ވަގުތު އެ މަގާމު އޮތީ ހުސްކޮށެވެ.

ޝިއުރީ އިތުރަށް ވިދާޅުވީ ކުންފުނި ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އޮނިގަނޑު ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. އެގޮތުން ކުންފުނީގައި ދެ ޑެޕިއުޓީ މެނޭޖިން ޑިރެޓަރުން ބޭތިއްބުމުގެ ބަދަލުގައި އެކަކަށް ފުރުސަތު ދޭން ނިންމައި ޗީފް ކޯޕަރޭޓް އޮފިސަރު އަދި ޗީފް މާކެޓިން އޮފިސަރުގެ މަގާމު އުވާލައިފައިވާކަމަށް ޝިއުރީ ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގައި ކުރިން ވެސް ހުރީ އެންމެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރެއްކަމަށާއި ދެ މަގާމު ހަމަޖެއްސީ ވަރަށް ފަހުންކަމަށް ވެސް ޝިއުރީ ވިދާޅުވިއެވެ.

ކުންފުނި ރީސްޓްރަކްޗާ ކުރުން ކުރިއަށް ގެންދަނީ ވަކި ބޭފުޅަކަށް އަމާޒުކޮށްގެން ނޫންކަމަށް ވެސް ޝިއުރީ ވިދާޅުވެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-