-Advertisement-

-Advertisement-

ޗިލްޑްރެންސް އޮމަބަޑްސްޕާސަންގެ މުސާރަ ބޮޑުކޮށްދިނުމަށް އެދި މަޖިލިހަށް!

ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމާތު ޝަފީގް/ފޮޓޯ: މިހާރު

ޗިލްޑްރެންސް އޮމަބަޑްސްޕާސަންގެ މުސާރަ ކުޑަކަމަށާއި، އެ މުސާރަ ބޮޑުކޮށްދިނުމަށް އެދި ޗިލްޑްރެންސް އޮމަބަޑްސްޕާސަން ނިއުމާތު ޝަފީގުގެ ފަރާތުން  ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ހުށަހަޅައިފިއެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ ފަރާތުން ފޮނުވާފައިވާ ސިޓީ ކޮމެޓީއަށް އިއްވައިފައިވަނީ، ކޮމިޓީގެ މުގައްރިރު މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމެވެ.

މި ސިޓީއާއި ގުޅޭ ތަފްސީލުތައް ކޮމެޓީގެ މެމްބަރުންނަށް ހުށަހަޅުއްވަމުން އިދާރީ މޭރުން ފާހަގަ ކުރައްވައިފައިވަނީ، މިދިޔަ އަހަރުގެ ޑިސެންބަރު މަހުގައި، މަޖިލީހުން މުސާރަ ކަނޑައަޅާ އިދާރާތަކާއި ކޮމިޝަންތަކުގެ މުސާރަ މާލިއްޔަތު ކޮމިޓީން މުރާޖައާ ކުރި ކަމަށާއި އެގޮތުން އޭރު ނިންމައިފައި ވަނީ މަޖިލީހުގެ އިދާރާ ފިޔަވައި އެހެން އިދާރާތަކުގެ މުސާރަ ބޮޑު ކުރުމަށް ކަމަށެވެ.

އެގޮތުން އެ ނިންމުމުގެ ދަށުން ރައީސާއި ނައިބުރައީސް އަދި މަޖިލިސް މެންބަރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މުސާރަ މުރާޖައާކޮށްފައިވާކަމަށްވެސް އިދާރީ މޭޒުން ވަނީ ފާހަގަ ކުރައްވައިފައެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މުސާރައިގެ ގޮތުގައި ކުރިން ކަނޑައަޅާފައި ވަނީ 35،000 ރުފިޔާއެވެ. ޑިސެންބަރު މަހު މާލިއްޔަތު ކޮމިޓީން މުސާރަ މުރަޖައާކޮށް ބޮޑުކޮށްފައިވަނީ 41،000 ރުފިޔާއަށް ކަމަށް އިދާރީ މޭޒުން ފާހަގަ ކުރެއްވިއެވެ.

އެގޮތުން ނިއުމާތު ޝަފީގުގެ ސިޓީގައި ވަނީ އޮމްބަަޑްސްޕާސަންގެ މުސާރައިގެ ގޮތުގައި ކަނޑައާޅާފައިވާ މިންވަރު މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މުސާރައަށްވުރެ ކުޑަކަން ފާހަގަ ކުރައްވައިފައެވެ.

މިކަމާއި ގުޅިގެން އިދާރީ މޭޒުން ވަނީ މާލިއްޔަތު ކޮމިޓީން މުސާރަތައް މުރާޖައާ ކުރިއިރު  ޗިލްޑްރަންސް އޮމްބަޑްސްޕާސަން އަކީ މިނިވަން މުއައްސަސާއަކަށް ވުރެ ދަށް ލެވެލްގެ އިދާރާއެއް ކަމަށް ބަލައި މުސާރަތައް މުރާޖައާ ކުރިކަން ފާހަގަ ކުރައްވައިފައެވެ.

ވުމާއެކު، މި މައްސަލަގައި ޕޭ ކޮމިޝަން ހާޒިރުކޮށް މިނިވަން މުއައްސަސާތަކާއި ދައުލަތުގެ އެހެނިހެން އިދާރާތަކުގެ މުސާރަތައް އެއްހަމަ ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތަފުސީލު އޮޅުން ފިލުވުމަށް ކޮމެޓީގެ މެމްބަރ، ބާރަށު ދާއިރާގެ، މެމްބަރު އިބްރާހިމް ޝުޖާއު ވަނީ ހުށަހަޅުއްވައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-