-Advertisement-

-Advertisement-

އެއަރ ސަރވިސް ވޯލްޑް ކޮންގްރެސްއަކީ، ވީ.އައި.އޭ އަށް އިތުރު ވިޔަފާރީގެ ފުރުސަތު ލިބިގެންދާނެ ކޮންގްރެސްއެއް: ސީއީއޯ

ކޮންގްރެސްގައި ބައިވެރިވަޑައިގަންނަވާ މަންދޫބުންނަށް މަރުހަބާ ދެންނެވުމަށް ބޭއްވުނު ރަސްމިޔާތުގައި އެމްއޭސީއެލްގެ ސީއީއޯ ވާހަކަފުޅު ދައްކަވަނީ: ފޮޓޯ/ އެމްއޭސީއެލް

އެއަރ ސާރވިސް ވޯލްޑް ކޮންގްރެސް ރާއްޖޭގައި ބޭއްވުމަކީ އެއަރޕޯޓުގެ ތަރައްގީއަށާއި، ވިޔަފާރި ފުޅާކުރުމަށް ލިބިގެންދާނެ މުހިއްމު ފުރުސަތެއްކަމުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެއަރ ސާރވިސް ވޯލްޑް ކޮންގްރެސްގައި ބައިވެރިވަޑައިގަންނަވާ މަންދޫބުންނަށް މަރުހަބާ ދެންނެވުމަށް ޝެރެޓަން މޯލްޑިވްސް ފުލް މޫން ރިސޯޓު އެންޑް ސްޕާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ،  ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އުމްރާނީގޮތުން ބޮޑެތި ބަދަލުތަކެއް އަންނަ ދަނޑިވަޅެއްގައި  މި ފަދަ ކޮންގްރެސްއެއް ބޭއްވުމަކީ މި ހަރަކާތުގެ ތެރެއިން އުފެދިގެންދާ ގުޅުންތަކުގެ ސަބަަބުން، ވިޔާފާރީގެ ފުރުސަތުތައް ހޯދުމަށް މަގުފަހި ވެގެންދާނެކަމެއް ކަމަށެވެ.

ރާއްޖެ މިއޮތީ އިގްތިސާދު އާ ހަރުފަތަކަށް ގެންދިއުމުގެ މަގުމަތީގަައި. ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވައިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން، ފަތުރުވެރިކަމުގެ ދާއިރާ އާއި  އެއް ހަމައެއްގައި ހިދުމަތް ދެވޭތަނަކަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ހެދުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން – އިބްރާހިމް ޝަރީފް މުޙައްމަދު

މިނިސްޓަރ އޮފް ޓުއަރިޒަމް އިބްރާހީމް ފައިސަލް ހިމެނިވަޑައިގަންނަވާހެން ސިނާއަތުގެ އިސް ފަރާތްތަކުން ބައިވެރިވެވަޑައިގެން މި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، ކެޕްޓަން މުޙައްމަދު އަމީން ވަނީ، ވައިގެ ދަތުރުފަތުރުކުރުމުގެ ސިނާއަތާއި ގުޅޭ ޚިދުމަތްތައް ރާއްޖޭގައި ފުޅާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން މިފަދަ ކޮންގްރެސްތަކުގައި ކުރާ މަޝްވަރާތަކަކީ ރާއްޖޭގެ އިޤްތިސާދު ތަރައްގީކޮށް، ކުރިއެރުމުގައި މުހިންމު ދައުރެއް އަދާ ކުރާނެ ކަމެއްކަން ފާހަގަ ކުރައްވައި، އެއަރ ސަރވިސް  ވޯލްޑް ކޮންގްރެސްއިން ލިބެން ހުރި ފުރުސަތުތަކުގެ ބޭނުން ފުރިހަމަ އަށް ހިފުމަށް ބައިވެރިންނަށް އިލްތިމާސް ކުރައްވައިފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މިއަހަރުގެ އެއަރ ސަރވިސް ވޯލްޑް ކޮންގްރެސް ރާއްޖޭގައި ބާއްވާއިރު، ޖުމްލަ 27 އެއަރލައިން އަދި 17 އެއަރޕޯޓާއެކު ވައިގެ ސިނާއަތުގެ އެކި ފަންތީގެ ކުންފުނިތަކުގެ 150 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އެއަރ ސަރވިސް ވޯލްޑް ކޮންގްރެސްއާއި އެކު ރާއްޖޭގެ ކުރިއަރަމުން އަންނަ ވައިގެ ސިނާއަތާއި ގުޅޭ މައުލޫމާތު މި ސިނާއަތުގައި މަސައްކަތް ކުރާ އެހެންގަައުމުތަކުގެ އިސްފަރާތްތަކަށް ލިބިގެންދާނެ އެވެ.  މިއާއިއެކު މިދާއިރާ އިތުރަށް ތަރައްޤީކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަށް އިތުރު ފުރުސަތުތަކެއް ފަހިވެގެން ދާނެއެވެ.

އެއަރ ސަރވިސް ވޯލްޑް ކޮންގްރެސްއަކީ ވައިގެ ސިނާއަތުގެ އެކިއެކި ފަރާތްތަކާއި ގުޅުންބަދަހި ކުރަން އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ވިޔަފާރިތަކުގެ މެދުގައި އޮންނަ ބައްދަލުވުމެކެވެ. މި އިންވެންޓް ފުރަތަމަ ބާއްވާފައިވަނީ 2010 ވަނަ އަހަރު އެވެ. މިއީ މި ކޮންގްރެސް ބާއްވާ 7 ވަނަ ފަހަރެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-