ޤާނޫނުތަކަށް ގެންނަ ބަދަލުތަކަކީ ބިދޭސީން ރާއްޖެއަށް ގެންނަ ފަރާތްތަކުން އެ ބިދޭސީންގެ މައްޗަށް ޒިންމާދާރު ކުރުވުމަށް ގެންނަ ބަދަލުތަކެއްކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
އެސްއެސްޓީވީގެ “ބާރު ހަތަރެއް” ޕްރޮގާމްގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ނައިބު އަޝްރަފް މުޙައްމަދު އަލީ ވިދާޅުވީ، މިހާރު އޮންނަ ނިޒާމުގެ ދަށުން ފޭކް ވޯކްޕާމިޓްތަކުގައި ރާއްޖެއަށް އެތެރެވުމުގެ ފުރުޞަތު ނޯންނަކަމަށެވެ. އެހެންނަމަވެސް ގަވާއިދާ ޚިލާފަށް ބައެއް ބިދޭސީން ރާއްޖޭގައި އުޅޭކަން ފާހަގަކުރައްވައި އަޝްރަފް ވިދާޅުވީ އެ ފަދަ ކަންކަން ހުއްޓުވުމަށް މިނިސްޓްރީން ބައިވަރު ފިޔަވަޅުތަކެއް އަޅަމުން އަންނަކަމަށެވެ.
ބިދޭސީންގެ މައްސަލަ ހައްލު ކުރަން ޤާނޫނުތަކަށް ބަދަލު ގެނައުމުގެ މުހިންމުކަމަށް އަޝްރަފްގެ އިންޓަވިއުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އަޝްރަފް ވިދާޅުވީ ޤާނޫނުތަކަށް ބަދަލު ގެންނަ އިރު، އެންމެ ބޮޑަށް ބަދަލު ގެންނަން ޖެހެނީ ބިދޭސީންގެ ވިސާގެ އުސޫލަށެވެ. އެގޮތުގެމަތިން މުހިންމު ބަދަލުތަކެއްގެ ޑްރާފްޓުތަކެއް އެކުލަވާލައިގެން އެ މަސައްކަތް ކުރަމުން އަންނަކަމަށާއި ޤާނޫނުތަކަށް ބަދަލު ގެނެސް ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންނަށް ޒިންމާވާނެ ދިވެހި ފަރާތެއް ހުންނާނެ އުސޫލެއް ގާއިމު ކުރައްވާނެކަމަށް އަޝްރަފް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ވޯކް ޕާމިޓުގައި ބަޔާންކުރާ މަސައްކަތުގެ ބޭރުން މަސައްކަތްތައް ކުރާ ބިދޭސީން ވެސް ރާއްޖޭގައި އުޅޭކަމަށް އަޝްރަފް ވިދާޅުވިއެވެ. މި ކަން ދެނެގަނެވުނީ އެ މިނިސްޓްރީން ކުރިއަށްގެންދާ ‘ކުރަނގި އޮޕަރޭޝަން’ މެދުވެރިކޮށްކަމަށް އަޝްރަފް ހާމަކުރެއްވިއެވެ. މި ފަދަ ކަންކަން ހުއްޓުވަން ވެސް މިހާރު އެ މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަކަމަށް އަޝްރަފް ވިދާޅުވިއެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ އަކީ މިހާތަނަށް އައި އިރު ހައްލު ނުކުރެވިފައި އޮތް ޒަމާންވީ މައްސަލައެކެވެ. އަދި ބިދޭސީންގެ ބެލުމުގެ ދަށުން އެކި ކަހަލަ ވިޔަފާރިތައް ހިންގާކަމުގެ މައްސަލަތައް އަބަދު ވެސް ދަނީ ފާހަގަވަމުންނެވެ.