ރޯގާގެ އަލާމާތެއް ހުރި ނަމަ ހޮސްޕިޓަލަށް ޒިޔާރަތް ކުރާ އިރު މާސްކު އެޅުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް)ން އިލްތިމާސްކޮށްފިއެވެ.
ރާއްޖޭގައި ކުއްލިއަކަށް ރޯގާގެ ބަލިމަޑުކަން ފެތުރުނީ މިދިޔަ މަހު ހައްޖަށް ދިޔަ ފަރާތްތަކުން އެނބުރި ރާއްޖެ އައުމުންނެވެ. އެ ފަރާތްތަކަށް ޚާއްޞަކޮށް އައި.ޖީ.އެމް.އެޗުން ވަނީ ފްލޫ ކްލިނިކެއް ވެސް ހުޅުވާފައެވެ.
ނަމަވެސް އިއްޔެ އައި.ޖީ.އެމް.އެޗުން ނެރުނު އެންގުމެއްގައި ބުނީ ހައްޖުގެ އަޅުކަމަށް ފަހު، ރާއްޖެއައި މީހުންނަށް ޚާއްޞަކޮށްގެން ހުޅުވި ފްލޫ ކްލިނިކުން ހިދުމަތް ހޯދާ މީހުންގެ އަދަދު މަދުވެފައިވާތީ އެ ކްލިނިކް ބަންދުކޮށްފައިވާކަމަށެވެ. އެ ކްލިނިކް ބަންދު ކުރި ނަމަވެސް، ހޮސްޕިޓަލުން ހިދުމަތް ހޯދާ މީހުން ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ މާސްކް އަޅައިގެން ހޮސްޕިޓަލަށް ދިއުމަށް އައި.ޖީ.އެމް.އެޗުން ވަނީ އެދިފައެވެ.
އައި.ޖީ.އެމް.އެޗުގައި ޖޫން މަހުގެ ފަހު ހަފުތާ ފުލޫ ކުލިނިކެއް ހުޅުވީ އޭރު ފެތުރެމުންދިޔަ ހުމާއި ރޯގާގެ ޢަލާމާތްތައް ހުންނަ މީހުންނަށް ފަސޭހައިން ރައްކާތެރިކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދީ، ޢާއްމުންގެ ތެރޭގައި ވީހާވެސް ބޮޑަކަށް ބަލި ފެތުރުން ކޮންޓްރޯލްކުރުމަށެވެ.