އާ ޓާމިނަލްތަކުގެ ސަބަބުން އާ އެއާލައިންތަށް އިތުރުވެ ޕްރައިމް ޓައިމް ސްލޮޓްތަކެއް ލިބި ފަސިންޖަރުންނާއި އެއާލައިންތަކުގެ ހިދުމަތްތައްވެސް އިތުރުވެގެންދާނެ ކަމަށް އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރު އިބުރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ ނެޓްވޯކިންގ އިވެންޓްގައި ވާހަކަ ދައްކަވަމުން ކޮވިޑް-19ގެ ބަލިމަޑުކަމަށްފަހު މިހާތަނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގެނެވުނު ބަދަލުތައް ފާހަގަކުރައްވަމުން އިބްރާޙިމް ޝަރީފް ވިދާޅުވީ އާ ޕެސެންޖަރ ޓާމިނަލްތަކެއް ޤާއިމުކުރެވިފައިވާ ކަމަށާއި އޭގެ ސަބަބުން ފަސިންޖަރުންނާއި އެއާލައިންތަކުގެ ހިދުމަތްތައްވެސް އިތުރުވެގެންދާނެ ކަމަށެވެ.
އެގޮތުން މިހާރުވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އާ ރަންވޭއަކާއި، ކާގޯ ފެސިލިޓީތައައި، ފިއުލް ފާމެއްގެ އިތުރުން، ފިއުލް ހައިޑްރަންޓް ސިސްޓަމްތަކާއި، ވީއައިޕީ އަދި ސީއައިޕީ ޓާމިނަލްތަކާއި، އާ ޕެސެންޖަރ ޓާމިނަލްތަކެއް ޤާއިމުކުރެވިފައިވާ ކަމަށެވެ.
އާ ޓާމިނަލްގައި 12 ބޯޑަރު ބްރިޖް ގާއިމްކޮށްފައިވާކަން ފާހަގަކުރައްވަމުން އާ ޓާމިނަލުގައި ހުރި އާ ހިދުމަތްތަކާއިއެކު އެއާޕޯޓްގެ ހިދުމަތްތައް ފެށުމުން ފަސިންޖަރުންނަށް އައުމާއި ދިއުން ފަސޭހަވެގެންދިޔަ ކަމަށް އެމްޑީ ވިދާޅުވިއެވެ
މީގެ އިތުރުން ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ފާއިތުވީ ހަތަރު އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އޮތީ ވަރަށް ބޮޑަށް ގޯސްވެފައިކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ އެކަންކަމުން އަރައިގަތުމައް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޓްރޭޑިޝަނަލް މާކެޓް ހިމެނޭހެން އެ ދާއިރާ އިތުރަށް ފުޅާކުރުމަށް ޓޫރިޒަމް މިނިސްޓްރީއާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެގޮތުން ހުޅަނގުގެ ގައިމުތަކުގެ ތެރެއިން ޖަރުމަނު، ޔޫކޭ، އިޓަލީ ފަދަ ގައުމުތަކާއި، ސެންޓަރަލް އޭޝިއާގެ މާކެޓުގެ އިތުރުން އިރުމަތީ ޔޫރަޕަށާއި، ޗައިނާގެ މާކެޓު ވެސް ބޮޑުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ގަދަ 10 ގައި އެމެރިކާ ހިމެނޭކަމަށާއި އަދިވެސް އިތުރަށް އެ ދާއިރާތަކަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ އެމްއޭސީއެލް އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން މަސައްކަތް ކުރަމުންދަނީ އެއް އަމާޒެއް ހާސިލް ކުރުމަށް ކަމަށެވެ.
ވީއައިއޭގައި މިއަހަރުގެ “އެއާ ސާވިސް ވޯލްޑް ކޮންގްރެސް” ބާއްވަން ހަމަޖެހިފައިވާއިރު، ޖުމްލަ 27 އެއާލައިނަކާއި 17 އެއާޕޯޓާއެކު ވައިގެ ސިނާއަތުގެ އެކި ފަންތީގެ ކުންފުނިތަކުގެ 150 އަށްވުރެ ގިނަ މަންދޫބުން މި އިވެންޓްގައި ބައިވެރިވާނެއެވެ.