ވިޔަފާރި ކުންފުންޏެއް ސްކޭމްކޮށް 1.9 މިލިއަން ރުފިޔާ ފޭރިގެންފިއެވެ.
ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި ގޮތުގައި އެ މީހުން ފައިސާ ފޭރިގެންފައި ވަނީ ވިޔަފާރި ކުންފުންޏެއްގެ އެކައުންޓުންނެވެ.
މި ބައްދަލުވުމުގައި ފުލުހުންގެ އެންޓި ސްކޭމް ޑިޕާޓްމެންޓްގެ އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ މި ސްކޭމް ހިންގާފައިވަނީ މިދިޔަ މަހުގެ ތެރޭގައިކަމަށެވެ. އަދި މި ޖަރީމާ ހިންގަން ހޭދަވީ ގާތްގަނޑަކަށް 5-10 މިނެޓުކަމަށް ވެސް ނަވީދު ވިދާޅުވިއެވެ. ސްކޭމުން ފައިސާ ޖަމާވި މީހުންގެ ތެރޭގައި ޖަލު އޮފިސަރުން ހިމެނޭކަމަށް ފުލުހުން ބުނެއެވެ. އަދި އެ ކުންފުނީގެ އެކައުންޓުގައި ހުރި ފައިސާގެ 70 ޕަސެންޓް އެ ފަރާތްތަކުން ވަނީ ފޭރިގެންފައިކަމަށް ވެސް ފުލުހުން ބުނެއެވެ.
މި ފައިސާގެ ތެރެއިން މިހާތަނަށް ފަސް ލައްކައެއްހާ ރުފިޔާ ފުލުހުން ވަނީ ހޯދައިފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ވަނީ މި މައްސަލައިގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފައެވެ. އެއީ ޕެރޯލްގެ ދަށުން ޖަލުން ދޫކޮށްފައި ހުރި މީހެކެވެ.
މި ފައިސާ ނެގުމުގައި އަމަލީގޮތުން ބައިވެރިވި މީހުންގެ ތެރޭގައި ގިނައީ އެ ފައިސާ އަކީ ކުށް ކޮށްގެން ހޯދި ފައިސާކަން ނޭނގި ކުދިކުދި އެހެން މަންފާތަކަށް އޭޓީއެމުން ފައިސާ ނަގައިދިން މީހުންކަމަށް ފުލުހުން ބުނެއެވެ.