ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން 2018 ވަނަ އަހަރުގެ މޭ މަހުން ފެށިގެން އެއްވެސް މަހަކަށް ކަރަޓު ބިލު ނުދައްކާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން މިދިޔަ ބުރާސްފަތި ދުވަހު ހާމަކުރި ގޮތުގައި ޕީއެސްއެމުން ނުދައްކާ ހުރި ފައިސާގެ އަދަދު 120 މިލިއަނަށް އަރާނެއެވެ.
މި މައްސަލައާ ގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ ސްޓެލްކޯއިން އެއްވެސް ތަނެއްގެ ކަރަންޓު ކަނޑާލަން ބޭނުން ނުވާކަމަށެވެ. އަދި އެކި މަސްމަހަށް ބަހާލައިގެން ވިއަސް ޕީއެސްއެމުން އެ ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް އެދޭކަމަށް ފަހުމީ ވިދާޅުވެފައިވެއެވެ.
މީގެ ކުރިން ސްޓެލްކޯއިން ހާމަކޮށްފައިވާ ގޮތުގައި ކަރަންޓު ބިލުތަކުން ސްޓެލްކޯއަށް ލިބެންޖެހޭ ފައިސާގެ އަދަދު ބައި ބިލިއަން ރުފިޔާއަށް ވުރެ މަތިވާނެއެވެ.