މި ސަރުކާރު ވެރިކަމަށް އައީ ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި ޔާމީން ޖަލަށް ލާފައި ވަނިކޮށް ޔާމީންގެ ފޮޓޯ ދައްކައިގެން ކަމަށް ބުނާ ބުނުމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ރޭ ޕީއެންސީ ހަރުގޭގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައްދުދެއްވައިފިއެވެ.
ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ރައްދުދެއްވައި ވިދާޅުވީ އޭރު ދެއްކީ އެ ބުނާ ހުސްގޮނޑި ކަމަށްވާ ނަމަ ޔާމީން ވެރިކަމަށް ވަޑައިގަތީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފޮޓޯ ދައްކައިގެން ކަމަށެވެ.
އެހެންނަމަވެސް ޔާމިންއަށް ވެރިކަން ލިބިވަޑައިގަތުމުން މައުމޫން ގެންގޮސްލީ ޖަލަށް ކަމަށް ފައިސަލް ވިދާޅުވި އެވެ.
“ރައީސް މައުމޫނުގެ ފޮޓޯ ދައްކައިގެން ވެރިކަމަށް ވަޑައިގެން އެ ބޭފުޅާގެ ތުއްތޮންބެ ގެންގޮސް ބޭންދީ ހަތް މަސްދުވަސް ވަންދެން ޖަލުގައި. ރާއްޖޭގައި މިއަދު ތިއްބެވި ހުރިހާ ސިޔާސީ ބޭފުޅުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ކާނަލް ނާޒިމް ކަމުގައި ވިޔަސް ރައީސް މައުމޫނު ކަމުގައި ވިޔަސް، ފާރިސް މައުމޫނު ކަމުގައި ވިޔަސް، މި އެންމެ ބޭފުޅުން ޖަލަށް ލައިގެން،” ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ 2018 ވަނަ އަހަރު ގައި ގައުމުގައި ބިރުވެރި ހާލަތެއް އުފައްދައިގެން ޔާމީން ރާއްޖޭގެ ވެރިކަން ހޯދަން އުޅުއްވުމުގެ ނަތީޖާއަކަށްވީ ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނެ ރާއްޖޭގެ ސިޔާސީ މައިދާނުން ޔާމީން ދުރުކުރުން ކަމަށެވެ.
ފައިސަލް އިތުރަށް ވިދާޅުވީ 2014 ވަނަ އަހަރު ޔާމީން ވެރިކަމަށް ކުރިމަތިލެއްވުމަށް ޕާޓީއަށް މީހުން ހަމަނުވެގެން ފޯމު ފުރަން ނުކުތީ މިހާރު ޕީއެންސީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން ކަމަށެވެ. އަދި އެހެންކަމުން ޔާމީން އަށް ދެން އިތުރަށް ދެއްކޭނެ ވާހަކައެއް ނޯންނާނެ ކަމަށެވެ.
މީގެ އިތުރުން މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒަށް ޕާޓީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަތީ ސިޔާސީ ގޮތުންނާއި އިލްމީ ގޮތުން ވެސް އެމަނިކުފާނަކީ މޮޅު ބޭފުޅަކަށްވާތީވެ ކަމަށާއި އެމަނިކުފާނުގެ ވެވަޑައިގެންފައިވާ ކޮންމެ ރިޔާސީ ވައުދެއް އިހުލާސްތެރިކަމާއި ތެދުވެރިކަމާ އެކު ރައްޔިތުންނަށް އެމަނިކުފާނު ފުއްދަވައިދެއްވާނެ ކަމަށް ރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވިއެވެ.