މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމަށް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން އަޅަންފެށި ތިލަމާލެ ބްރިޖް ޕްރޮޖެކްޓުގެ 40 ޕަސެންޓް މަސައްކަތް ނިމިފައިވާކަމަށް މަރާމާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިމިފައި އޮތީ މި ޕްރޮޖެކްޓުގެ 29 ޕަސެންޓްކަމަށް އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ތައާމު މުޙައްމަދު އިއްޔެ ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިހާރު ބްރިޖުގެ 40.47 ޕަސެންޓް މަސައްކަތް ނިމިފައިވާކަމަށް ތައާމު ވިދާޅުވިއެވެ.
މި ޕްރޮޖެކްޓާ ގުޅޭ ގޮތުން މާރާމާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތޮލިބު މި އަހަރުގެ މާރިޗު މަހު ވިދާޅުވެފައި ވަނީ ސެޕްޓެމްބަރު 2026ގެ ނިޔަލަށް މި މަސައްކަތް ނިންމާލެވޭނެކަމަށެވެ.
މި އަހަރުގެ ޖޫން މަހު އެ ވުޒާރާއިން ހާމަކުރި ގޮތުގައި ތަނބުތަކުގެ ޕައިލިންގެ 66 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އޭގެ ތެރެއިން ޕައިލް ކެޕްގެ 46 ޕަސެންޓް މަސައްކަތާއި ޕިއާ ކޮލަމްގެ 48 ޕަސެންޓް ހިމެނޭކަމަށް ވެސް އޭރު ބުންޏެވެ.
އެ ވުޒާރާއިން އެންމެ ފަހުން ހާމަކުރި ގޮތުގައި ބްރިޖްގެ އެއް ތަނބު އަނެއް ތަނބާ ގުޅުވައިލަނީ ޕްރީ-ކާސްޓް ސެގްމަންޓްތަކަކުންކަމަށް ވާއިރު، އޭގެ ފުރަތަމަ ސެގްމެންޓް ވިލިމާލެއާ ދިމާއިން ގުޅުވާލުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
މުޅި ޖުމްލަ މި ޕްރޮޖެކްޓަށް ޚަރަދު ވާނެކަމަށް އެ ވުޒާރާއިން ލަފާކޮށްފައި ވަނީ 500 މިލިއަން ޑޮލަރެވެ.