މީގެ 11 އަހަރު ކުރިން މަރާލި ހުސައިން ވަހީދުގެ ގާތިލުގެ މައްވަށް މަރަށް މަރު ހިފަން ހުކުމް ކޮށްފައިވަނިކޮށް، ހުސައިން ވަހީދުގެ މަންމަ މާފު ދިނުމުން ގާތިލު މަރުގެ އަދަބުން ސަލާމަތްވެއްޖެއެވެ.
މ. އައިޝާ، ހުސައިން ވަހީދަށް ތޫނު އެއްޗަކުން ހަމަލާދީފައިވަނީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. ޒަޚަމުތަކަށް ފަރުވާ ހޯދަމުން އަންނަނިކޮށް ހުސައިން ވަހީދު މަރުވީ އެ ރޭ 23:10 އެހާކަންހާއިރެވެ. މި މައްސަލައިގައި ދެ މީހަކު މަރަން ޖުވެނައިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ހައިކޯޓުން އެ ހުކުމަށް ތާއީދުކުރުމުން ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފުކުރީ އޭގެ ތެރެއިން 1 މީހެކެވެ. އެއީ 2015 ވަނަ އަހަރެވެ.
އެ މީހުން ކުށްކުރީ އެ މީހުންގެ އުމުރުން 18 އަހަރު ނުފުރެނީސްކަމަށްވާތީ އެ މީހުންގެ ނަން ހާމަކުރުމަކީ ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ ދަށުން މަނާ ކަމެކެވެ.
މި މައްސަލައިގެ ތަޙުޤީޤުގެ މަރުހަލާގެ ތެރެއިން ހުސައިން ވަހީދުގެ 9 ވާރިސުން ޖުވެނައިލް ކޯޓުގައި ވަނީ މަރަށް މަރު ހިފަން ބޭނުންވާކަމަށް ބުނެފައެވެ.
ނަމަވެސް ސެޕްޓެމްބަރު 22، 2022 ގައި ހުސައިން ވަހީދުގެ މަންމަ ވަނީ މައްސަލައާ ގުޅިގެން އުއްތަމަފަނޑިޔާރަށް ސިޓީއެއް ފޮނުވައިފައެވެ. އެ ސިޓީގައި ބުނެފައިވަނީ މަރަށް މަރު ހިފަން ކުރިން އެދުނު ނަމަވެސް އެ ވިސްނުން މިހާރު ބަދަލުވެފައިވާކަމަށެވެ. އިސްލާމީ ޝަރީއަތުގައި އެންމެ ވާރިސަކު މާފުދިން ނަމަވެސް ގާތިލަށް މަރުގެ އަދަބެއް ނުދެވޭނެއެވެ.
އެހެންކަމުން އެ މީހާގެ މައްޗަށް ކަނޑައެޅި މަރުގެ އަދަބު ބާތިލުކުރުމަށާއި އެ މީހާގެ މައްޗަށް އަދަބު ކަނޑައަޅަން ޖުވެނައިލް ކޯޓަށް މައްސަލަ ތަހުވީލުކުރަން ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި 5 ފަނޑިޔާރުންގެ އިއްތިފާގުން މިހާރު ވަނީ ހުކުމްކޮށްފައެވެ.
ހުސައިން ވަހީދު މަރާލިއިރު އެ ދެ ކުދިންގެ އުމުރަކީ 16 އަހަރެވެ.