އިއްޒުއްދީން ސްކޫލްގެ އިމާރާތަށް ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން އެ ސްކޫލު ބަންދުކޮށް، އެ ސްކޫލްގައި ކިޔަވާ ދަރިވަރުން މާލޭގެ އެހެން ސްކޫލްތަކަށް ބަދަލުކުރަން ނިންމައިފިއެވެ.
އިއްޒުއްދީން ސްކޫލު އިމާރާތުގެ 3 ވަނަ ފަންގިފިލާގައި ރެނދު ލުމުން އެ ސްކޫލާ މެދު ބައެއް ބެލެނިވެރިން ވަނީ ސުވާލު އުފައްދާފައެވެ. ސުކޫލު ބަންދު ކޮށްފާނެކަމުގެ ބިރު ބެލެނިވެރިންގެ މެދުގައި އުފެދުނީ ރެނދު ލުމާ ގުޅިގެން އެ ސްކޫލުގައި ކުދިން ކިޔެވުން ރައްކާތެރިތޯ ބެލުމަށް އެޑިއުކޭޝަން މިނިސްޓްރީން އެސެސްމެންޓެއް ހަދަން ފެށުމަށް ފަހު އެސެސްމަންޓުގެ ނަތީޖާއަށް ބަލައި ކުދިން އެހެން ތަނަކަށް ބަދަލު ކުރަން ޖެހިދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނުމުންނެވެ. އިއްޒުއްދީން ސްކޫލްގެ އިމާރާތަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާކަމަށާއި އެ އިމާރާތް ދިގު މުއްދަތަކަށް ދެން ބޭނުންކުރެވޭނީ ބޮޑު މަރާމާތަކަށް ފަހުގައިކަމަށް އެސެސްމަންޓް ރިޕޯޓުން ވެސް ވަނީ ދައްކައިފައެވެ.
މި ކަމާ ގުޅިގެން ސްކޫލުގެ މެނޭޖްމަންޓުން ދަނީ އެ ސްކޫލުގެ ދަރިވަރުންގެ ބެލެނިވެރިންނާ ބައްދަލުވުންތައް ބާއްވަމުންނެވެ. އަދި އެ ސްކޫލްގައި ކިޔަވައިދިނުން މި އަހަރު ހުއްޓާލަން ނިންމާފައިވާކަން މިހާރު ވަނީ ބެލެނިވެރިންނަށް އަންގާފައެވެ.
ސްކޫލު ބަދަލު ކުރަން ބޭނުންވާ ދަރިވަރުންގެ ބެލެނިވެރިން ނަން ނޯޓު ކުރުމަށް ދީފައިވާ އެންމެ ފަހު ގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ މެންދުރު 12:00 އެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތް ކުރަމުން ދަނީ ދަރުމަވަންތަ ސްކޫލްގެ އެކި ކްލާސްތަކަށް އިއްޒުއްދީންގެ ދަރިވަރުން ބަދަލުކުރުމަށެވެ. ނަމަވެސް އެހެން ސްކޫލްތަކަށް ބަދަލުވާން ބޭނުންވާ ދަރިވަރުންނަށް އެ ފުރުޞަތު އޮންނާނެކަމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.
މިހާރު އިއްޒުންދީން ސްކޫލު ހުރި އިމާރާތަކީ ކުރިން މޯލްޑިވްސް އެމްޕްލޮއިމަންޓް ސާވިސަސް (އެމް.އި.އެސް) ހިންގުމަށް ބޭނުން ކުރެވުނު ދުވަސްވީ އިމާރާތެކެވެ.