ރާއްޖޭގެ އިޤްތިޞާދީ ކަންކަން އެނގިވަޑައިގަންނަވާނީ ވަކި ލީޑަރަކަށް ނޫންކަމަށް ވިދާޅުވެ ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ބަހުގެ ހަމަލާތަކެއް ރައްދުކުރައްވައިފިއެވެ.
ފައިސަލް މިފަދައިން ވިދާޅުވީ ޕީއެންސީ ޖަގަހައިގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފައިސަލް ވިދާޅުވީ ވައުދު ފުއްދި އަދި ރާއްޖޭގެ އިޤްތިޞާދު އެނގިވަޑައިގަންނަވަނީ ވަކި ސިޔާސީ ލީޑަރަކަށްކަމަށް ހީކުރައްވާ ނަމަ އެއީ ވަރަށް ބޮޑު ކުށްހީފުޅެއްކަމަށެވެ.
“ރާއްޖޭގައި މިހާރު ވަރަށް ހޭލުންތެރި ޒުވާނުން ވަރަށް އިނޮވޭޓިވް ވިސްނުންތައް ހުރި ޒުވާނުން އެބަ ތިއްބެވި. އެހެން ހުއްޓައި ނުކުމެ ފިނި ކޮޓަރިއެއްގައި އިންނަވައިގެން، ތިމާ ނޫން މީހަކަށް ރާއްޖޭގެ އިޤްތިޞާދު ނޭނގޭނެކަމަށް ދައުވާކުރުމަކީ މިއަދު ބޭފުޅުން މަލާމާތްކޮށް ޖޯކު ޖަހާނެ ކަމެއް،” ޔާމީނަށް އަމާޒުކުރައްވައި ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ މި ޤައުމު މިހާރު ހިންގަވަން ތިއްބެވި ވެރިންނަށް އިޤްތިޞާދީ ކަންކަން އެނގިވަޑައިގަންނަވާނެކަމަށާއި އެހެންކަމުން މި ޤައުމު ބަނގުރޫޓު ނުވާނެކަމަށެވެ.
“ހަތްމަސް ވާއިރު ދެން ދުނިޔޭގެ ފައިނޭންޝަލް އިންސްޓިޓިއުޝަން ތަކުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރުމުން ނިކުމެ މިއަދު އެ ވިދާޅުވާ މޮޅު އިކޮނޮމިސްޓު މި ވިދާޅުވަނީ މި ގައުމު ބަނގުރޫޓުވަނީއޭ. ނޫން މި ގައުމު ބަނގުރޫޓެއް ވެސް ނުވާނެ،” ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް މުޢިއްޒަށް ޕާޓީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަތީ ސިޔާސީ ގޮތުންނާއި ޢިލްމީ ގޮތުން ވެސް ކުޅަދާނަ ބޭފުޅަކަށް މުޢިއްޒު ވާތީއެވެ.