އިންޑިއާގެ ކެރެލާގައި ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއް ފެތުރެން ފަށައިފިއެވެ.
އެގޮތުން ސިކުނޑިއަށް ޖެހޭ ބައްޔެއްކަމަށްވާ “ބްރެއިން އީޓިން އެމީބާ އިންފެކްޝަން” ކެރެލާގައި ފުތުރެމުންދާތީ އެ ސްޓޭޓުގައި ދިރިއުޅޭ ދިވެހީންނާއި އެ ސްޓޭޓަށް ދަތުރުކުރާ ދިވެހީން މިކަމަށް ސަމާލުވުމަށް އެދި އިންޑިޔާގައި ހުންނަ ދިވެހި ކޮންސިއުލޭޓް ޖެނަރަލުން ނެރުނު ބަޔާނެއްގައި ވަނީ “ބްރެއިން އީޓިން އެމީބާ އިންފެކްޝަން”އަށް ސަމާލުވުމަށް ކެރެލާގެ ސިއްހަތާ ބެހޭ ވުޒާރާތަކުން އިލްތިމާސްކޮށްފައިވާ ކަމަށެވެ.
ކަންފަތް ނުވަތަ ނޭފަތުން ހަށިގަނޑުގެ އެތެރެއަށްދާ މި ބަލީގެ ޖަރާސީމުން ރައްކާތެރިވުމަށްޓަކައި ކޯރުފަދަ ތަންތަނަށް މިދުވަސްވަރު ނޭރުމަށާއި ސްވިމިން ޕޫލަށް އެރޭ ނަމަ ކަންފަތާއި ނޭފަތަށް ފެން ނޭޅޭ ގޮތަށް ކަންފަތު އުނގުރި ޖަހައި ‘ނޭސަލް ކްލިޕް’ ފަދަ ތަކެތި ބޭނުން ކުރުމަށްވެސް އެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން މި ބަލީގެ އަލާމަތްތަކުގެ ތެރޭގައި ހިމެނޭ، ހުން އައުމާއި ބޮލުގައި ރިއްސުމާއި ހޮޑުލެވުމާއި ވާނުވާ ނޭނގުމުގެ އިތުރުން ފިޓު ޖެހުން ފަދަ ކަންކަން ފެންނަ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށްވެސް ރާއްޖޭގެ ކޮންސިއުލޭޓް ޖެނަރަލުން ވަނީ އިލްތިމާސްކޮށްފައެވެ.
އިންޑިއާގެ މީޑިއާތަކުގައިވާ ގޮތުން ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި ކެރެލާއިން ވަނީ އެ ބަލީގެ ފަސް ކޭސް ފެނިފައެވެ.