-Advertisement-

-Advertisement-

ބޭސް ހުސްވާ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ މަސައްކަތް ދަނީ ކުރެވެމުން: ޝިމާދު

ދަ ޕްރެސް

ރާއްޖެއިން ބޭސް ހުސްވާ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ޔުނައިޓެޑް ނޭޝަންސް ޑިވަލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)ގެ ދަށުން ރާއްޖެއަށް އާއްމުކޮށް ނުލިބޭ ބޭސްތައް ގެނެވޭނެ އިންތިޒާމް ހަމަޖައްސަމުން އަންނަ ކަމަށް ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން  (އެސްޓީއޯ)އިން ބުނެފިއެވެ.

އެސްޓިއޯގެ އަހަރީ ޖަލްސާގައި އެކުންފުނީގެ ހިއްސާދާރުން ވަނީ ދޭތެރެ ދޭތެރެއިން ބޭސް ލިބުމުގައި ދަތިތައް ދިމާވާކަމަށާއި މިފަހުންވެސް މިމައްސަލަ ކުރިމަތިވި ކަމަށް ބުނެފައެވެ. ހިއްސާދާރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ، ބޭސްތައް އެތެރެކުރުމުގައި ހުރި ގޮންޖެހުންތައް ހައްލުކުރެވޭތޯ ކަމާ ގުޅުން ހުރި އިދާރާތަކާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޝިމާދު އިތުރަށް ވިދާޅުވީ އެ ކުންފުނީގެ ސޮފްޓްވެއާ އާކުރުމުން ބޭސް ލިބުމުގައި ދަތިތަކެއް ދިމާވި ކަމަށާއި އެހެންނަމަވެސް އެއީ ދާއިމީ ދަތިތަކަކަށް ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

މީގެ އިތުރުން، ފިނޭންސް މިނިސްޓްރީއާއެކު ޔޫއެންޑީޕީން މިހާރު ރާއްޖެއަށް އާއްމުކޮށް ނުލިބޭ ބޭހާއި، އާއްމުކޮށް ލިބޭ ބޭސް އެތެރެކުރުމަށް އެއްބަސްވުމެއް ހަދާފައިވާކަމަށް ވެސް ޝިމާދު ވިދާޅުވި އެވެ.

“ރާއްޖެއަށް ވާގޮތަކީ އާބާދީ ކުޑަވީމަ ފާމަސީތަކުންނާއި މިހުންނަ ޚާއްސަ ޑިސްޓްރިބިއުޝަންތަކުން މިނިމަމް އޯޑާ ކުއެންޓިޓީއަށް ބޭސް ނުލިބެނީ. އެކަމަށް ހައްލެއް ހޯދުމަށް ފިނޭންސް މިނިސްޓްރީއާއި ޔޫއެންޑީޕީން މިހާރު ވަނީ އެއްބަސްވުމަކަށް އައިސް. ހެލްތު ޕްރޮކިއުމަންޓްގެ ދަށުން ޔޫއެންޑީޕީން އެ ބޭސްތައް ގެންނަ ގޮތަށް މިހާރު އޮތީ. އެހެންވީމަ އަޅުގަނޑަށް ހީވަނީ މި ބޭސްތައް އާސަންދަ ޕޯޓަލްގެ ދަށުން ޑޮކްޓަރުން ލިޔެދޭން ފެށީމާ އެކަމަށް ވެސް ހައްލެއް ލިބިގެންދާނެހެން،” ޝިމާދު ވިދާޅުވިއެވެ.

ދޭތެރެ ދޭތެރެއިން ބޭސް ހުސްވާތީ އެއީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ނަގާކަމަށް ފާހަގަކުރައްވަމުން ޝިމާދު ވިދާޅުވީ އެސްޓިއޯގެ ފަރާތުން އެކަން ހައްލުކުރަން ހުރި ކަންކަން ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އާސަންދައިގެ ދަށުން އެންމެ ބޮޑު ޚަރަދެއް ހިނގަނީ ބޭހަށެވެ. އެގޮތުން ބަލާއިރު އާސަންދަ ސްކީމުންގެ ދަށުން އެވަރެޖުކޮށް ބޭހަށްކުރާ ހޭދަ 500 މިލިއަނަށް އަރައެވެ. އެހެންކަމުން ބޭހުގެ ޚަރަދުތައް ކުޑަ ކުރުމަށް އަންނަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-