އޭޝިއާގެ އެންމެ މުއްސަނދި އާއިލާއަށް ނިސްބަތްވާ އާނަންތު އަމްބާނީގެ ކައިވެނީގެ ހަފްލާގައި ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެ ވަޑައިގެންފިއެވެ.

އާނަންތް އަމްބާނީ އަދި ރާދިކާ މާޗެންޓްގެ ކައިވެނީގެ ހަފްލާގައި ރައީސް ނަޝީދަށް ދައުވަތު ލިބިވަޑައިގަތީ ބައިނަލްއަގްވާމީ ވެރިންނަށް ދެއްވި ދައުވަތުގެ ތެރެއިންނެވެ. ރައީސް ނަޝީދުގެ އިތުރުން ބައިނަލްއަގްވާމީ ދައުވަތު ލިބިވަޑައިގެންނެވި ބައެއް ވެރިންގެ ތެރޭގައި އިނގިރޭސި ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އާއި، އިނގިރޭސި ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެޔާ އާއި، ފީފާގެ ރައީސް ޖިއަންނީ އިންފެންޓީނޯ އާއި، އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ އާއި، ކެނެޑާގެ ކުރީގެ ބޮޑުވަޒީރު ސްޓެފަން ހާޕާ އާއި، ޓެންޒޭނިއާގެ ރައީސް ސާމިއާ ސުލޫހޫ ހަސަން އަދި އޮސްޓްރިއާގެ ކުރީގެ ބޮޑުވަޒީރު ސެބަސްޓިއަން ކާޒް ހިމެނެއެވެ.
ގެއާއި ޖިއޯ ވޯލްޑް ކޮންވެންޝަން ސެންޓަރުގައި ބޭއްވި މިހަފްލާއަށް ދައުވަތު ދިނުމަށް ފޮނުވި ކޮންމެ ފޮއްޓަކަށްވެސް 7،000 ޑޮލަރު އަރާފައިވާ ކަމަށް ދަ ގާޑިއަން ނޫހުން ރިޕޯޓްކޮށްފައިވެއެވެ.
މީގެއިތުރުން ކައިވެނީގެ ހަރަކާތްތަކުގެ ތެރެއިން ބޭއްވި ޝޯތަކަށް ރިއާނާއާއި ޖަސްޓިން ބީބާ ގެ ހަރާކާތްތައް ހުށަހަޅާދީފައިވާ އިރު، ރިއާނާއަށް ހަތް މިލިއަން ޑޮލަރު އަދި ބީބާއަށް 10 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
ހަތް މަސްދުވަހަށް ދެމިގެން ގޮސްފައިވާ އާނަންތް އަމްބާނީ އަދި ރާދިކާ މާޗެންޓްގެ ކައިވެންޏަށް 600 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާ ކަމަށް ދަ ގާޑިއަންއިން ލަފާކޮށް ވަނީ ރިޕޯޓްކޮށްފައެވެ.