އދ. މާމިގިލީ އުތުރުފަރާތު ފަޅުތެރޭގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރާން އީއައިއޭ ރިޕޯޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކޮށްފިއެވެ.
މާމިގިލީ ކައުންސިލް އިދާރާއިން މިއަދު އާންމުކުރި އިޢުލާނެއްގައި ވަނީ ރައްޔިތުންނަށް ޓުއަރިޒަމްގެ ބޭނުންހިފޭގޮތަށް ކައުންސިލުން ހުށަހަޅާފައިވާ ޗާޓުގައި ވާގޮތުގެ މަތީން 150 ފޫޓާއި 250 ފޫޓްގެ ރަށެއް ހިއްކުމާއި ރޮކްބޯޑާ ޖެހުމަށް ބޭނުންވާ އީއައިއޭ ހަދައިދޭނެފަރާތެއް ބޭނުންވާ ކަމަށެވެ.
މާމިގިލީ ފަޅުތެރޭގައި ޕިކްނިކް އައިލެންޑްއެއް ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދު ހިމެނޭ ޗާޓާއި މައުލޫމާތު ޝީޓް އާއިއެކު ކައުސިލުން އާންމުކުރި އިއުލާނުގައި އެމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 25 ވާ ބުރާސްފަތި ދުވަހުގެ 13:00އަށް ކައުންސިލް އިދާރާއަށް ގޮސް، އަންދާސީހިސާބު ހުށައެޅުމަށް ވަނީ އެދިފައެވެ.
ކައުންސިލުން ބުނެފައިވާ ގޮތުގައި ބިޑަށް ރަޖިސްޓްރީވުމަށް އެ ކައުންސިލްގެ އީމެއިލް info@maamigili.gov.mv އަށް ކުންފުނީގެ ނަމާއި ރަޖިސްޓާ ނަންބަރާއި އީމެއިލް އެޑްރެސް އަދި ކޮންޓެކްޓް ނަންބަރު ފޮނުވުމަށާއި މިމައްސަކަތަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓާ ވެވޭނެ އެންމެ ފަހު ތާރީހަކީ މިމަހުގެ 22 ވާ ހޯމަދުވަހުގެ 12:00 ކަމަށެވެ.