ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ދިރިއުޅޭނެ އެކޮމޮޑޭޝަނެއް ތަރައްޤީ ކުރުމުގެ މަސައްކަތް ބޭރުގެ ކުންފުންޏަކާ ހަވާލުކުރުމުގެ މަސައްކަތް ކަރުކާރުން ކުރަމުންދާތީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިހެން ވިދާޅުވެފައި ވަނީ މެލޭޝިޔާގެ ނޫސްތަކުން ރާއްޖޭގައި ނޭޝަނަލް އިންޓަގްރޭޓެޑް މައިގްރެންޓް ވޯކާ ޑޯމިޓްރީއެއް ތަރައްޤީ ކުރުމަށް އަލްޓައިޒް ޑިޖިޓަލާ ހަވާލުކުރިކަން އިއުލާނު ކުރުމާ ގުޅިގެންނެވެ.
މި ކަމާ ގުޅިގެން ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ މީހުންނަށް މި ފެސިލިޓީތައް ބޭނުން ކުރުން ލާޒިމު ކުރުމަކީ ވަރަށް ކަންބޮޑުވާ ކަމެއްކަމަށެވެ. ފައްޔާޒު ވިދާޅުވި ގޮތުގައި ލާޒިމު ޝަރުތެއް ނެތި ބޭރުގެ ކުންފުނިތަކަށް މި ފަދަ މަޝްރޫޢުތައް ހަވާލުކުރުމުގައި އެއްވެސް މައްސަލައެއް ނެތެވެ. އެހެން ނަމަވެސް ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން ނުވަތަ ސަރުކާރުގެ އެސްއޯއީއެއް މެދުވެރިކޮށް ވެސް މި މަޝްރޫޢު ހިންގެން އޮއްވައި، އެ ކަން ނުކުރީތީ ފައްޔާޒު ވަނީ ހިތްހަމަނުޖެހުން ފާޅު ކުރައްވައިފައެވެ. ސަރުކާރުން މި ކަމުގެ މައުލޫމާތު ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭ ކަމަށާއި، މި މަޝްރޫޢު ވަގުތުން ސަސްޕެންޑްކޮށް، އިތުރު ވިސްނުމަކަށް ދާންޖެހޭކަމަށް ފައްޔާޒު ވިދަޅުވިއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ބައިތިއްބާނެ އެކޮމޮޑޭޝަން ފެސިލިޓީތައް ތަރައްޤީ ކުރުމުގެ މަޝްރޫޢު، ކުންފުންޏަކާ ހަވާލުކުރުމުގެ މަސައްކަތް ދާދި ފަހުން ވަނީ ފަށާފައެވެ. އެގޮތުން މެލޭޝިޔާގެ އަލްޓައިޒް ޑިޖިޓަލް ކިޔާ ކުންފުންޏަކާ މި މަސައްކަތް ހަވާލުކުރަން މިހާރު ވަނީ ނިންމާފައެވެ. އަލްޓައިޒް ޑިޖިޓަލްއަކީ ޖީ3 ގްލޯބަލް ބެރްހާދު (ޖީ3)ގެ ސަބްސިޑަރީއެކެވެ.
މެލޭޝިޔާގެ ނޫސްތަކުން ހާމަކުރާ ގޮތުގައި މި މަޝްރޫޢު އެވޯޑުކުރިކަން އަންގައި ރާއްޖޭގެ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން މިދިޔަ ބުދަ ދުވަހު ވަނީ އަލްޓައިޒް ޑިޖިޓަލްއަށް ސިޓީ ފޮނުވާފައެވެ. އެ ޤައުމުގެ ނޫސްތަކުގައިވާ ގޮތުން މި މަޝްރޫޢު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ “ޕަބްލިކް-ޕްރައިވެޓް ޕާޓްނަޝިޕް މޮޑެލް” އަކަށެވެ. އެ ގޮތުން މި މަޝްރޫޢިން ލިބޭ އާމްދަނީ، ދިވެހި ސަރުކާރާއި ޖީ3 އާ ދެމެދު ބަހާލުމަށް ހަމަޖެހިފައިވާކަމަށް އެ ނޫސްތަކުން ބުނެފައިވެއެވެ.
މީގެ އިތުރުން ވެސް މެލޭޝިޔާގެ ނޫސްތަކުން ހާމަކޮށްފައިވާ ގޮތުގައި ބިން ދޫކުރާ ތާރީޚުން ފެށިގެން 30 އަހަރު ދުވަހަށް އަލްޓައިޒް ޑިޖިޓަލަށް ރާއްޖޭގައި ބިދޭސީން ބެއިތިއްބުމުގެ ޚިދުމަތް ދެވޭނެއެވެ.
ފުރަތަމަ އަހަރު މި ފެސިލިޓީތަކުން ކޮންމެ ބިދޭސީ މަސައްކަތްތެރިއަކަށް މަހަކު 100 އެމެރިކާ ޑޮލަރުގެ ފީއެއް ނަގާނެއެވެ. އެއް އަހަރަށް ފަހު، ކޮންމެ ބިދޭސީއަކަށް މަހަކު 120 ޑޮލަރުގެ ފީއެއް ނަގާ އިރު، އޭގެ ތެރެއިން ދިވެހި ސަރުކާރަށް ލިބޭނީ ފަސް ޑޮލަރު ކަމަށް އެ ޤައުމުގެ ނޫސްތަކުން ބުނެއެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި މިއީ އެޗްޑީސީއާ މީގެ ކުރިން ހަވާލުކޮށްފައި އޮތް މަޝްރޫއެކެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ވާނެކަމަށް އެ ބޭފުޅާ ވިދާޅުވިއެވެ.