އޯޒެން ރިޒާވް ބޮލިފުށި ރިސޯޓްގެ ވެރިޔާ ހުސައިން ޝަރީފް (ބޮލިފުށި ޝަރީފް) އަވަހާރަވެއްޖެއެވެ.
ޝަރީފް އަވަހާރަވެފައިވަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް އުމުރުން 64 އަހަރުގައެވެ.
މިއަދުގެ ވަގުތެއްގައި ޝަރީފް އަވަހާރަވެފައިވާއިރު، މާދަމާ އިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި މޫނު ދެއްކުމާއި އޭނާގެ ކަށު ނަމާދު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޝަރީފް އަވަހާރަވުމާއި ގުޅިގެން ގިނަ ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ހިތާމަފާޅުކޮށް އާއިލާއަށް ތައުޒީޔާ މެސެޖް ފޮނުވަމުންނެވެ. އެގޮތުން ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާއަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ހުސައިން ޝަރީފް އަވަހާރަވުމާއި ގުޅިގެން އާއިލާއަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.
މީގެއިތުރުން، އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ޝަރީފް އަވަހާރަވި ހަބަރު ލިބުމުން ވަރަށް ދަރެވި ކަމަށާއި މީގެ ދެ މަސް ކުރިން އެ ވުޒާރާއަށް ވަޑައިގެން މާލޭ އިބްރާހިމް މިސްކިތް އަލުން ބޮޑުކޮށް ގުއްބު ލާފައި ހަދަން ޕްރޮޕޯސަލް ލައްވާފައިވާ ކަމަށެވެ.
“އަދި އެ ދުވަހު އަޅުގަނޑު ދެންނެވި އަޅުގަނޑުމެންނަށް އިތުރު މިސްކިތެއް އަޅަން ބޭނުމޭ، ވަގުތުން އެކަން ހަމަޖައްސަވާ ދެއްވި، އެ ދުވަހު އަޅުގަނޑު ހިތައް އެރި ރާއްޖޭގައި ހާދަ ދީލަތި މީހުން އުޅޭ،”. ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.
ޑރ ޝަޙީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ޝަރީފްއަކީ ވަރަށް ޚުލްގު ރަނގަޅު މީހެއްގެ ގޮތުގައި އެދުވަހު ފާހަގަވި ކަމަށެވެ.