-Advertisement-

-Advertisement-

ވީޑިއޯ ފުޓޭޖަށް ބުރަވެ ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ކުއްޖަކާ ދެކޮޅަށް ހުކުމްކޮށްފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު. ފޮޓޯ: ރާއްޖެ އެމްވީ

ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގިކަމަށް ބުނެ ކުޑަކުއްޖަކާ ދެކޮޅަށް އުފުލި ދައުވާއެއްގައި، ވީޑިއޯ ފުޓޭޖަށް ބަލައި ކުޑަ ކުއްޖާގެ މައްޗަށް ސުޕްރީމް ކޯޓުން ކުށް ސާބިތުކޮށް ހުކުމްކޮށްފިއެވެ.

ކޯޓުގައި އެ ކުއްޖާއާ ދެކޮޅަށް ހެކިބަސް ދިނީ އެންމެ ހެކިވެރިއެކެވެ. ނަމަވެސް މި މައްސަލައިގައި ދައުލަތުން ވަނީ ވީޑިއޯ ފުޓޭޖްތަކެއް އެ ކުއްޖާއާ ދެކޮޅަށް ހުށަހަޅައިފައެވެ. ޖުވެނައިލް ކޯޓާއި ހައި ކޯޓުން ކުރިން ބުނެފައިވަނީ ވީޑިއޯތަކާއި އޭގެ އެނަލިސިސް ރިޕޯޓަކީ ގަރީނާއެއްކަމަށެވެ. އަދި އެ ވީޑިއޯތަކަށް ބުރަވެ ކުއްޖާގެ މައްޗަށް ކުށް ސާބިތުކުރުމަށް ޖުވެނައިލް ކޯޓާއި ހައި ކޯޓުން ވަނީ ދެކޮޅުހަދާފައެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ވީޑިއޯ ފުޓޭޖްތަކުން ފެންނަ މީހާއާ އެ ކުއްޖާގެ ސިފަތައް ދިމާވާކަމަށް ‘ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް’ ރިޕޯޓުން ދައްކާކަމަށެވެ. އަދި ޖުވެނައިލް ކޯޓާއި ހައި ކޯޓުން ބުނެފައިވާ ވާހަކަތަކުގެ އެއްވެސް އަސާސެއް ނެތްކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައިވެއެވެ.

“ހަމައެކަނި ގަރީނާއިން ޖިނާއީ މައްސަލައެއް ސާބިތު ނުވާނެކަމުގައި ބަޔާން ކޮށްފައި ވާއިރު، އެއީ ޝަރުއީ ގޮތުންނާއި ގާނޫނީ ގޮތުން ވެސް އެއްވެސް އަސާސެއް އޮތް ވާހަކައެއް ނޫނެވެ،” ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެއެވެ.

އެ ކުއްޖާގެ މައްޗަށް ކަނޑައަޅާނެ އަދަބާ މެދު ގޮތެއް ނިންމުމަށް ޖުވެނައިލް ކޯޓަށް އެ މައްސަލަ މިހާރު ވަނީ ތަހުވީލްކޮށްފައެވެ. ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު މަހާޒެވެ.

ޖެނުއަރީ 2018 ގައި މާލޭގައި މީހަކަށް ތޫނު އެއްޗެހިން ހަމަލާދިން މައްސަލާގައި ދައުލަތުން ކުޑަކުއްޖެއްގެ މައްޗަށް ޖުވެނައިލް ކޯޓުގައި ދައުވާކުރީ ހަމަލާދިން މީހާ ގޮވައިގެން އެ ސަރަހައްދުން ސައިކަލެއްގައި ގޮސްފައިވާތީއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-