-Advertisement-

-Advertisement-

އާޖެންޓީނާއިން ކޮޕާ އެމެރިކާގެ ތަށި ދިފާއުކޮށް ރެކޯޑެއް ގާއިމުކޮށްފި!

އާޖެންޓީނާއިން 2024 އަހަރުގެ ކޮޕާ އެމެރިކާގެ ފައިނަލުގައި ކޮލޮމްބިއާ ބަލިކޮށް މުބާރާތުގެ ތަށި ރެކޯޑު 16 ވަނަ ފަހަރަކަށް ކާމިޔާބު ކޮށްފިއެވެ.

ހޯމަ ދުވަހުގެ ރާއްޖެ ގަޑިން ފަތިހުގެ ވަގުތު އެމެރިކާގެ މަޔާމީގައި ކުޅުނު މި މެޗުން އާޖެންޓީނާ މޮޅުވެފައިވަނީ އިތުރު ވަގުތު ކުޅެ 1-0 ގެ ނަތީއްޖާއަކުންނެވެ. މި މެޗުގެ ހަމައެކަނި ގޯލު ކާމިޔާބު ކުރީ މި މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ ލައުޓާރޯ މާޓިނޭޒެވެ.

މި މެޗުގެ ދެވަނަ ހާފުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީގެ ފަޔަށް އަނިޔާވެ ދަނޑުން ފައިބަން ޖެހުނެވެ. މެޗު ދޫކޮށް ފައިބަން ޖެހުމުން އޭނާ ވަނީ ވަރަށް ބޮޑަށް ހިތާމަކޮށް ރޮއެފައެވެ. އެހެންނަމަވެސް އޭނާ ޓީމުން ވަނީ ހިތްވަރު އާކޮށް ރަނގަޅު ކުޅުމެއް ދައްކައި މެޗުން މޮޅުވެފައެވެ.

މި ނަތީއްޖާއާއެކު އާޖެންޓީނާއިން ވަނީ ކޮޕާ އެމެރިކާ 16 ފަހަރު ކާމިޔާބުކޮށް އާ ރެކޯޑެއް ގާއިމުކޮށްފައެވެ. މީގެ ކުރިން މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބު ކުރީ 15 ފަހަރު ތަށި ނެގި އުރުގުއޭ ޓީމުންނެވެ.

މި މުބާރާތުގައި ރަނގަޅު ކުޅުމެއް ދެއްކި ކޮލޮމްބިއާ ޓީމުން މި މެޗުގައިވެސް ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު މިއީ އެންމެ ފަހު 28 މެޗުން އެޓީމު ބަލިވި ފުރަތަމަ މެޗުކަންވެސް ފާހަނގަ ކޮށްލެވެއެވެ.

މި މުބާރާތަކީ އާޖެންޓީނާއިން ޖެހިޖެހިގެން ބޮޑު މުބާރާތެއް ކާމިޔާބުކުރި 3 ވަނަ މުބާރާތެވެ. އެއީ އެންމެ ފަހުގެ ކޮޕާ އެމެރިކާ އަދި ގަތަރުގައި އޮތް ވޯލްޑް ކަޕުގެ އިތުރުން މިއަހަރުގެ ކޮޕާ އެމެރިކާއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-