-Advertisement-

-Advertisement-

ކޮޕާ އެމެރިކާ ފައިނަލުގައި ހަމަނުޖެހުންތަކެއް: އެމެރިކާގައި 2026ގެ ވޯލްޑްކަޕް ބޭއްވޭނެ ފެންވަރު އެބަހުރިތަ؟

ކޮޕާ އެމެރިކާ 2024 ގެ ފައިނަލުގައި އާޖެންޓީނާ އަދި ކޮލޮމްބިއާ ބައްދަލުކުރި މެޗަށް ޓިކެޓް ނެތް އެތައް ހާސް ސަޕޯޓަރުންނެއް ދަނޑަށް ވަދެ ހަމަނުޖެހުން އުފެދި މެޗުގެ ފެށުން 30 މިނުޓު ލަސްވެފައި ވެއެވެ.

މިއީ މި މުބާރާތުގައި ސަޕޯޓަރުންނަށް ހަމަނުޖެހުންތަކެއް ދިމާވި ދެވަނަ ފަހަރެވެ. ސެމީ ފައިނަލްގައި އުރުގުއޭ އަދި ކޮލޮމްބިއާ ބައްދަލު ކުރި މެޗުގައި އުރުގުއޭގެ ކުޅުންތެރިންގެ އާއިލާތަކަށް ކޮލޮމްބިއާ ސަޕޯޓަރުން ހަމަލާ ދިނުމުން އާއިލާތައް ރައްކާތެރިކުރުމަށް އުރުގުއޭގެ ބައެއް ކުޅުންތެރިންވަނީ ސަޕޯޓަރުން ތިބި ސްޓޭންޑްތަކަށް ފުންމާލާފައެވެ. އެގޮތުން ލިވަޕޫލްގެ މަޝްހޫރު ފޯވާޑް ޑާވިން ނުނޭޒްވެސް އޭނާގެ އާއިލާ ރައްކާތެރިކުރުމަށް ސަޕޯޓަރުންނާއި އެކު ހަމަލާ ބަދަލުކުރާ މަންޒަރު ފެނިފައިވެއެވެ.

ކޮޕާ އެމެރިކާގެ ފައިނަލުގައި މައްސަލަތައް ކުރިމަތިވާން ފެއްޓީ މެޗު ބަލަން ވަންނަ ޓިކެޓު ނެތް ވަރަށް ގިނަ ސަޕޯޓަރުންތަކެއް އެކި ގޮތްގޮތަށް ދަނޑަށް ވަނުމުންނެވެ. 65,300 މީހުންގެ ޖާގަ އޮންނަ މަޔާމީގެ ހާޑްރޮކް ސްޓޭޑިއަމުގެ ގޭޓުތައް ހުޅުވާލުމުން ސަޕޯޓަރުން ތޮއްޖެހި ބާރުވުމުން ވަގުތީ ގޮތުން ގޭޓުތައް ބަންދުކޮށްފައިވެއެވެ. އެހެން ނަމަވެސް ސްޓޭޑިއަމްގެ ފާރުތަކުން ސަޕޯޓަރުން ފުއްމާލާ މަންޒަރުތަކާއި ވެންޓިލޭޝަން ހޮޅިތަކުގެ ތެރެއިންވެސް ސަޕޯޓަރުން ވަންނަ މަންޒަރުތައް ފެނިގެން ދިޔައެވެ.

މި ހަމަނުޖެހުންތަކާއެކު 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް އެމެރިކާގައި ބޭއްވޭނެ ފެންވަރު ހުރިތޯ ސުވާލުތަކެއް އުފެދިފައިވެއެވެ. އުރުގުއޭގެ ކޯޗު ބިއެލްސާ ވަނީ މި މުބާރާތުގެ ފެންވަރާމެދު ސުވާލު އުފައްދާފައެވެ. އެގޮތުން މެޗުތައް ކުޅުނު ދަނޑުތަކުގެ ފެންވަރާއި ސެކިއުރިޓީ އިންތިޒާމްތަކުގެ ފެންވަރުވެސް ރަނގަޅު ނޫންކަމުގައި އޭނާ ބުނެފައިވެއެވެ.

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން ހަމަޖެހިފައިވަނީ އެމެރިކާގެ އިތުރުން މެކްސިކޯ އަދި ކެނެޑާގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-