މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ހުޅުމާލެ އަދި ކ. ގިރިފުށީގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.
އެމްއެންޑީއެފް އިން ބުނެފައިވާ ގޮތުގައި މާދަމާ އަދި އަންނަ ބުދަ ދުވަހު ހުޅުމާލޭގައި އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި ގިރިފުށީގައި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށެވެ.
އެގޮތުން ހުޅުމާލޭގައި މާދަމާ އަދި ބުދަ ދުވަހު ހެނދުނު 06:00 އިން އިރުއޮއްސި 6:00 އަށް ހުޅުމާލޭގެ އިރުމަތިން 11.25 ނޯޓިކަލް ބޭރުގައި (05 ނޯޓިކަލް މޭލު ސަރަހައްދެއްގައި) ކަނޑުމަތީގައި އަސްކަރީ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
މީގެ އިތުރުން މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ހުޅުމާލޭ އިރުމަތިން 11.25 ނޯޓިކަލް މޭލު ބޭރުން 4700 މީޓަރ ދުރުމިނަށް ދަތުރުކުރާނެ ކަމަށާއި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 200 މީޓަރު ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
ހަމައެއާއެކު، މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ އިރުއޮއްސި 6:00 އިން ރޭގަނޑު 11:59 އަށް ގިރިފުށީގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ. އަދި މިތަމްރީންތަކުގައި ބޭނުންކުރާ ވަޒަން ގިރިފުށި ހުޅަނގު ދެކުނަށް 5400 މީޓަރު ދުރުމިނަށް ދަތުރުކުރާނެ ކަމަށާއި ވަޒަން ދަތުރުކުރާ އުސްމިނުގައި 200 މީޓަރު ހުންނާނެ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.