-Advertisement-

-Advertisement-

މިފްކޯގެ ސީއީއޯގެ މަގާމަށް އާތިފް ޝަކޫރު ކުރިމަތިލައްވައިފި

އާތިފް ޝުކޫރު. ފޮޓޯ: ސަން

މިފްކޯގެ ޗީފް އެގެޒެކެޓިވް އޮފިސަރ (ސީއީއޯ)ގެ މަގާމަށް އިޤްތިޞާދީ ތަޖުރިބާކާރު އަދި މިފްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އާތިފް ޝަކޫރު ކުރިމަތިލައްވައިފިއެވެ.

މިފްކޯއަށް ސީއީއޯއެއް ހޯދުމަށް ޕްރައިވެޓައިޒޭޝަން ބޯޑުން އިއުލާނު ކުރީ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ.

އެ އިއުލާނުގައި ބުނާ ގޮތުން އެ މާޤާމު ފުރުއްވާ ފަރާތަކަށް މަހަކު ދެ ލައްކައެއްހާ ރުފިޔާގެ މުސާރައެއް ލިބޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެއީ މަހަކު 9500 އެމެރިކާ ޑޮލަރާއި 12000 އެމެރިކާ ޑޮލަރާ (146,775 – 185,400 ރުފިޔާ) ދެމެދުގެ މުސާރައަކަށެވެ.

އެ މަގާމަށް ހުޅުވާލާފައި ވަނީ ރާއްޖެއިން ބޭރުގެ މީހުންނަށް ވެސް ކުރިމަތިލެވޭ ގޮތަށެވެ. އެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑި އިއްޔެގެ މެންދުރު 2:00 ގައި ވަނީ ހަމަވެފައެވެ.

އެ މަގާމަށް ކުރިމަތިލި މީހުންގެ ޖުމްލަ އަދަދެއް އަދި އެ ކުންފުނިން އާންމުކޮށްފައެއް ނުވެއެވެ. ނަމަވެސް ފެލިވަރު ކޭނިން ފެކްޓަރީގެ ފުޑް ސޭފްޓީ އިސްވެރިޔާކަމާއި ފެލިވަރުގެ މެނޭޖަރުކަން ކުރިން ކުރެއްވި އަލީ އަޙްމަދު ވެސް އެ މަގާމަށް ކުރިމަތިލެއްވިކަމަށް މައުލޫމާތު ލިބެއެވެ.

އާތިފް ވަނީ 2004 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރުގެ ނިޔަލަށް މިފްކޯގެ އިސް މަގާމުތައް ފުރުއްވައިފައެވެ. އޭގެ ތެރޭގައި އެ ކުންފުނީގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރުކަމާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މަގާމުގެ އިތުރުން މެނޭޖިން ޑިރެކްޓަރު މަގާމު ވެސް ހިމެނެއެވެ. މީގެ އިތުރުން ރާއްޖެއާއި ރާއްޖޭން ބޭރުގެ ބޮޑެތި ބައެއް ކުންފުނިތަކުގެ ކޮންސަލްޓަންޓުކަން ވެސް އާތިފް ކުރައްވާފައިވެއެވެ. އާތިފް އަންނަނީ ރާއްޖޭގެ އިޤްތިޞާދު ދިރާސާކޮށް، ރާއްޖޭގެ ނޫސްތަކާއި ބޭރުގެ ސައިޓްތަކުގައި ޝާއިރު ކުރައްވަމުންނެވެ.

އާތިފް ރާއްޖޭގެ ބައެއް މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި މިފްކޯގެ ސީއީއޯކަމަށް ކުރިމަތިލެއްވީ، އެ މަގާމަށް އެކަށީގެންވާ ދިވެއްސަކު ނުލިބިގެން އެ ވަޒީފާ ބޭރު މީހަކަށް ދިން ކަމަށް ބުނުމުގެ ޖާގަ ނުދިނުމަށްކަމަށެވެ. އަދި މިފްކޯ ހިންގޭނެ ގާބިލް ދިވެހިން އެބަ ތިބިކަމަށް އާތިފް ވިދާޅުވެފައިވެއެވެ.

ޕީސީބީން ކުރި އިއުލާނުގައި ބުނާ ގޮތުން އެ މަގާމަށް ކުރިމަތި ލެވޭނީ ބިޒްނަސް މެނޭޖްމެންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ނުވަތަ އެއާ ގުޅޭ ދާއިރާއަކުން މާސްޓާސް ޑިގްރީ ނުވަތަ ޑިގްރީ ހާސިލުކުރުމާއެކު ގުޅޭ ދާއިރާއަކުން ތަޖުރިބާ ހާސިލުކޮށްފައިވާނަމައެވެ. އެގޮތުން ނޭޝަނަލް ލެވެލްގައި ނަމަ 8 އަހަރު ދުވަހުގެ ތަޖުރިބާ ނުވަތަ އިންޓަނޭޝަނަލް ފެންވަރުގެ ކުންފުންޏެއް ހިންގުމުގެ 4 އަހަރުގެ ތަޖުރިބާ ލިބިފައިވޭތޯ މި މަގާމަށް ގާބިލު ފަރާތެއް ހޯދުމުގައި ބެލޭނެކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން ދޮށީގެ މަސްވެރިކަން ނުވަތަ ރާއްޖޭގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް އިސްކަންދެވޭނެކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-