ރާއްޖޭގައި މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދީފި ނަމަ ލިބޭނެ ގެއްލުން ވަރަށް ބޮޑުވާނެކަމަށް ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާ މޯލްޑިވްސް އޯޝަން އެލައެންސްއިން ބުނެފިއެވެ.
ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ އެ ފަރާތްތަކުގެ ކަންބުޑުވުންތައް ހާމަކޮށް ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމަށް ސިޓީއެއް ފޮނުވާފައެވެ.
“މޯލްޑިވްސް އޯޝަން އެލައެންސް” އަކީ ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ 13 ޖަމިއްޔާއެއް ގުޅިގެން އުފައްދާފައިވާ ޖަމާއަތެކެވެ. އެ ފަރާތުން ތުހުމަތުކުރާ ގޮތުގައި ރާއްޖޭގެ ބައެއް ވިޔަފާރިވެރިންނާއި ބައެއް މަސްވެރިން، މިޔަރުގެ މަސްވެރިކަމުގެ ހުއްދައަށް އެދި އަޑު އުފުލަނީ އެ ކަމުން މާލީ ފައިދާއެއް ލިބޭނެކަމަށް ވިސްނައިގެންނެވެ.
ގިނަ މަސްވެރިން ބުނާ ގޮތުގައި މިޔަރުގެ ސަބަބުން ފަރު މަސްވެރިކަމަށް ހުރަސްއެޅެއެވެ.
ނަމަވެސް، މި ސަބަބުތަކަށް ރިއާޔަތްކުރުމުގެ ކުރިން ވިސްނާލަން ޖެހޭ ވަރަށް މުހިންމު އެހެން ކަންތައްތަކެއް އެބަހުރިކަމަށް އެ ޖަމާއަތުން ބުނެއެވެ. އެގޮތުން މިޔަރު ހިމާޔަތްކުރުމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށާއި ކަނޑުފަޅުގެ ވެއްޓަށް ފާއިތުވި އަހަރުތަކުގައި ގިނަ ފައިދާތަކެއް ކޮށްފައިވާކަމަށާއި މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދީފި ނަމަ އޭގެ ނަތީޖާ ހިތިވެދާނެކަމަށް އެ ފަރާތުން ހާމަކުރެއެވެ. އެގޮތުން ޓޫރިޒަމަށް ކުރާނެ ބޮޑު އަސަރު އެ ފަރާތުން ހާމަކޮށް ބުނީ ރާއްޖޭގައި ޑައިވްކުރާ ސަރަހައްދުތަކުން މިޔަރު ފެންނަ މިންވަރު އިތުރުވުމުން އެ މަންޒަރު ބަލަން އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ގިނަކަމަށާއި މިޔަރުގެ ވިޔަފާރިކުރުމަށް ފުރުސަތު ދީފި ނަމަ ޑައިވްކުރަން ރާއްޖެ އަންނަ ފަތުރުވެރިންގެ ނިސްބަތް މަދުވާނެކަމަށެވެ. އަދި ނަމަ ބައިނަލްއަގުވަމީ މައިދާނުގައި ރާއްޖެއިން މިހާރު ހޯދާފައިވާ ރީތި ނަން ހަރާބުވެ އަދި ރާއްޖޭގެ އިޤްތިޞާދަށް އަންދާޒާ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެކަމަށް އެ ފަރާތުން ފޮނުވި ސިޓީގައި ވެއެވެ.
މިޔަރުގެ މަސްވެރިކަމަކީ 2010 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި ވަރަށް ފުޅާކޮށް ކުރަމުން އައި ވިޔަފާރިއެކެވެ. މިޔަރުގެ އުރަހަ އާއި ތެޔޮ ވިއްކުން ކަހަލަ އެތައް ކަމަކުން އާމްދަނީ ހޯދި އެވެ. އެކަމަކު މީގެ 13 އަހަރު ކުރިން މިޔަރު މަސްވެރިކަން ރާއްޖޭގައި މަނާކުރީ އޭގެ އާބާދީ ނެތިގެން ހިނގައިދާނެކަމުގެ ބިރުބޮޑުވުމުންނެވެ.