ރާއްޖޭގެ އިމާމުންނާއި ހަތީބުންނަށް ރާއްޖެއިން ބޭރުން ތަމްރީނު ދިނުމަށް މި ސަރުކާރުން ފެށްޓެވި މަޝްރޫޢުގެ ދަށުން ތަމްރީނުވުމަށްޓަކައި އިތުރު 20 އިމާމުން ބްރޫނާއީއަށް ފުރައިފިއެވެ.
އިމާމުން ތަމްރީނު ކުރުމުގެ 3 ވަނަ ބެޗްގެ އިމާމުން ރޭ ބްރޫނާއީއަށް ފޮނުވައިފައިވާއިރު އަހަރުގެ މިހާތަނަށް މި ތިން ބެޗްގައި 60 އިމާމަކު ތަމްރީނުވެފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައެވެ.
އަދި މި ޕްރޮގްރާމްގެ ދަށުން އިތުރު އިމާމުން މި އަހަރު، އިންޑޮނޭޝިޔާއާއި މެލޭޝިޔާއާއި ކުވައިތަށް ތަމްރީނަށް ފޮނުވުމަށް ހަމަޖެހިފައިވާކަމަށްވެސް އެ ވުޒާރާއިން ވަނީ ހާމަކުރައްވައިފައެވެ.
އިސްލާމީ ކަންތައްތަކާ ބެގޭ ވުޒާރާއިން އިސް ނަގައިގެން މީގެކުރިން ވަނީ އިމާމުން ތާޒާ ކުރުމުގެ ގައުމީ މަޝްރޫއެއް ވެސް އިފްތިތާހުކޮށްފައެވެ. އިމާމުން ތާޒާކުރުމުގެ ގައުމީ މަޝްރޫއަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިން އިމާމުކަމުގެ ދާއިރާއިން އިތުރު ތަމްރީނު ދިނުމަށްޓަކައި ތަފާތު 11 ސަރަހައްދަކަށް ބަހާލައިގެން މުޅި ރާއްޖޭގެ ދާއިމީ އިމާމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އެގޮތުން އެއް އަހަރު ދުވަހުގެ ތެރޭގައި 700 އިމާމުންނަށް މި ތަމްރީނު ދިނުމަކީ އެ ވުޒާރާގެ އަމާޒަކަށް ވާއިރު، އިމާމުންނަށް މާސްޓާސް އަދި ޕީއެޗްޑީއަށް ވެސް ސްކޮލަޝިޕްގެ ފުރުސަތު ފަހިކޮށް ދިނުމަށްޓަކައި އެ ފުރުސަތަށް ވަރަށް އަވަހަށް ހުޅުވައިލާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ދާދި ފަހުން އިއުލާނުކުރައްވައިފައެވެ.