-Advertisement-

-Advertisement-

ސިއްޙަތަށް އެންމެ ފައިދާހުރި މޭވާތަކުގެ ތެރޭގައި ބެރީސް

ގިނަ ޑޮކްޓަރުންނާއި، ޑައިޓީޝަނުން ވިދާޅުވާގޮތުގައި ބެރީސްއަކީ ވިޓަމިންތަކާއި، މިނަރަލްތަކާއި އަދި ބަލިތަކާ ދެކޮޅަށް ހަށިގަނޑު ހަރުދަނާކުރާ ނިއުޓްރިއަންޓްސްގެ އެންމެ މުހިންމު މަސްދަރުތަކުގެ ތެރެއިން އެއްޗެކެވެ. އަދި މީގެ ސަބަބުން އުމުރުން ދުވަސްވުމާ ގުޅިގެން ޖެހޭ ގިނަ ބަލިތަކުގެ ނުރައްކާ ކުޑަކުރެވިދާނެއެވެ.
ހާވަރޑް ޓީ.އެޗް. ޗޭން ސްކޫލް އޮފް ޕަބްލިކް ހެލްތުގެ އެޕިޑެމިއޮލޮޖީ އަދި ނިއުޓްރިޝަންގެ ޕްރޮފެސަރ އެރިކް ރިމް، 2 އޯގަސްޓް 2021 ގައި ވޮޝިންގްޓަން ޕޯސްޓްގައި ޝާއިޢުކުރެވުނު ލިޔުމެއްގައި އޭނާ ހުށަހެޅުއްވީ، އެވަރެޖްކޮށް ބަލާއިރު، ގިނައިން ބެރީސް ކައި އުޅޭ މީހުން ތަންކޮޅެއް ދިގު އުމުރު ލިބޭ ކަމަށް ފެންނަ ކަމަށެވެ. މި ލިޔުމުގައި އޭނާ އިތުރަށް ފާހަގަކޮށްފައިވަނީ ބެރީގެ ބާވަތްތަކުން ޕޮޓޭސިއަމް، މެގްނީސިއަމް، ވިޓަމިން ސީ އަދި ވިޓަމިން ކޭ، ފައިބަރ، އަދި ޕްރީބަޔޮޓިކްސް – ހަޖަމުކުރުމުގެ ނިޒާމު ދުޅަހެޔޮކަމާއެކު ހިފެހެއްޓުމަށް އެހީތެރިވާ ކާބޯހައިޑްރޭޓްސް – ލިބޭކަމެވެ.

މީގެއިތުރުން، ހާވަޑް ޗަން ސްކޫލްގެ ދިރާސާވެރިން ބައިވެރިވެގެން ކުރި ދިރާސާތަކުން ދައްކާގޮތުގައި ބްލޫބެރީ ކެއުމުން ޓައިޕް 2 ޑައިބެޓީސް ޖެހުމުގެ ފުރުސަތު ކުޑަވެއެވެ. އަދި ބްލޫބެރީ އަދި ސްޓްރޯބެރީގައި ހުންނަ މާއްދާއެއް ކަމަށްވާ، އެންތޯސަޔަނިން ގިނައިން އެކުލެވޭ ކާނާ ކެއުމުން ހަށިގަނޑުގެ ބަރުދަން ހިފެހެއްޓުމަށް އެހީތެރިވާ ކަމަށެވެ. ހަމައެއާއިއެކު، ބެރީގެ ބާވަތްތައް ކެއުމުން ހިތުގެ ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު ކުޑަވެ، އުނގެނުމާއި ހަނދާން ބެހެއްޓުމުގެ ޤާބިލުކަން އިތުރުވެގެންދާ ކަމަށްވެސް މި ދިރާސާއިން ފާހަގަކޮށްފައިވެއެވެ.
ބްލޫބެރީ އަދި ސްޓްރޯބެރީ ފަދަ ބެރީގެ ބާވަތްތަކުގައި މުހިންމު މާއްދާތައް ޚާއްޞަކޮށް ވިޓަމިން އޭ އަދި ވިޓަމިން ސީ އެކުލެވެއެވެ. މި ކާނާތަކަކީ ހަށިގަނޑަށް ވަރަށް މުހިންމު އަދި ހަމުގެ އުރަހަ ނުގެއްލި ދެމެހެއްޓުމަށް އެހީތެރިވެދޭ އެއްޗެހިތަކެކެވެ. އަދި މީގެ ސަބަބުން ހަމުގައި ޠަބީޢީ ވިދުވަރެއް ވެސް ފެންނާނެއެވެ. އެހެންކަމުން، ބެރީގެ ޚުލާޞާ އެކުލެވޭ އުފެއްދުންތައް ބޭނުންކުރުމުން ޞިއްޙަތު ރަނގަޅު އަދި ޒުވާން ފެނުމެއް ލިބޭނެކަން ކަށަވަރުކޮށްދޭ އެއްޗެކެވެ.
ބޭރީސް އަކީ ވަރަށް ރަހަ ރީތި، ނިއުޓްރިޝަން ގިނަ، އަދި ގިނަ ސިއްޙީ ފައިދާތަކެއް ލިބޭ އެއްޗެކެވެ. މީގެ ތެރޭގައި ހިތާއި ހަމުގެ ސިއްޙަތަށް ލިބޭ ފައިދާތައްވެސް ހިމެނެއެވެ. މި ބާވަތްތައް ގަވާއިދުން ކެއުމުގެ ތެރެއަށް ވައްދައިގެން، ވަރަށް އުފާވެރި ގޮތެއްގައި ތިބާގެ މުޅި ހަށިގަނޑުގެ ސިއްޙަތު ރަނގަޅުކުރެވިދާނެއެވެ. މިއީ އާންމުކޮށް ރާއްޖޭގައި ހައްދާ މޭވާގެ ބާވަތަކަށް ނުވާއިރު، ގަނޑުކޮށްފައި ހުންނަ ބެރީގެ ބާވަތްތަކުންވެސް ބެރީ ކެއުމުން ލިބޭ ހަމަ އެ ޞިއްޙީ ފައިދާތައް ލިބޭކަމަށް ގިނަ ޑޮކްޓަރުން ޤަބޫލުކުރެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-