-Advertisement-

-Advertisement-

ޗޮކްލެޓް ކާންވީ ގަޑިޖެހުނީމަ!

ޗޮކްލެޓް ކެއުމަށް ދުވާލުގެ ވަކިވަގުތެއް އެބައޮތް ހެއްޔެވެ؟ އާ ދިރާސާއަކުން ދައްކާ ގޮތުގައި ޗޮކްލެޓް ކެއުމަށް ދުވާލުގެ ވަކި ވަގުތެއް ޚާއްސައެވެ. އަދި އެއީ އަހަރެމެން ހީކުރާ ގޮތާއި ޚިލާފު ވަގުތަކަށް ވެދާނެއެވެ. އާންމުކޮށް މެންދުރުގެ ކެއުމަށްފަހު އަހަރެމެން އެންމެ ގަޔާވާ ފޮނި ކެއުން ކަމަށްވާ ޗޮކްލެޓް ކޮޅެއް ކާލުމަކީ އަހަރެމެންގެ ތެރެއިން ގިނަ ބައެއްގެ އާދައަށްވާއިރު މިއީ ގޯސްގޮތެއް ކަމަށް ބްރިގަމް އާއި ސްޕެއިންގެ ޔުނިވަރސިޓީ އޮފް މުރްސިއާގެ އިންވެސްޓިގޭޓަރުންނާއި ގުޅިގެން ހެދި ދިރާސާއިން ވަނީ ދައްކާފައެވެ.

މި ދިރާސާއިން ދައްކާފައިވާ ހަޤީޤަތަކީ ޗޮކްލެޓް ކެއުމަށް އެންމެ ރަނގަޅީ ހެނދުނުގެ 11ޖެހުމުގެ ކުރިންކަމަށް މިއަދު މިވަނީ ހާމަވެފައެވެ. އަދި މި ދިރާސާއިން ދައްކާ ގޮތުގައި ފިނި ހޫނުމިން ބަދަލުވަމުން ދިޔަ ނަމަވެސް ޗޮކްލެޓް އައިސްއަލަމާރީގައި ބެހެއްޓުމަކީވެސް ގޯސް އާދައެއް ކަމުގައެވެ. ޗޮކްލެޓް ބަހައްޓަންވީ ގޭތެރޭގައި ފިނި ތަނެއްގައެވެ. އަދި މިގޮތަށް ބަހައްޓާއިރު ހޫނުވެ، ޗޮކްލެޓް ނުގިރޭނެފަދަ ތަނެއްގައި ބެހެއްޓުމަށްވެސް ސަމާލުކަންދޭންވާނެއެވެ.

ޗޮކްލެޓަކީ އެކިގޮތްގޮތުން އަހަރެމެންގެ ސިއްޙަތަށް ފައިދާ ކުރާ އެއްޗެކެވެ. އެގޮތުން ބަލާއިރު ޗޮކްލެޓްގައި ހިމެނޭ އެންޓިއޮކްސިޑެންޓްސްތަކުގެ ސަބަބުން ލޭގެ ޕްރެޝަރ ދަށްވެ، ހިތުގެ ބަލިތަކާއި ހާޓް އެޓޭކް ޖެހުމުގެ ނުރައްކާ ކުޑަކޮށްދެއެވެ. މީގެއިތުރުން، ޗޮކްލެޓުން އަހަރެމެންގެ ދިފާއީ ނިޒާމަށް ފައިދާ ކުރާއިރު، މިއީ ސްޓްރެސް ދަށްކޮށްދީ، ހަށިގަނޑުގައި އިންސިއުލިން ރަނގަޅަށް ބޭނުންކުރުމަށްވެސް އެހީތެރިވެދޭ އެއްޗެކެވެ. މީގެއިތުރުން ހެނދުނުގެ ގަޑީގައި ޗޮކްލެޓް ކެއުމަކީ ސަރުބީ އަންދާލުމަށާއި، ލޭގައި ގުލްކޯޒް ހުންނަ މިންވަރު ދަށްކޮށްދިނުމަށް އެހީތެރިވެދޭ ކަމެކެވެ.

ކާބޯތަކެތީގެ ސައިންސްވެރިއެއްކަމަށްވާ ނަތާލީ އަލިބްރަންޑީ ބުނާ ގޮތުގައި ދުވާލުގެ ގޯސްވަގުތުގައި ޗޮކްލެޓް ކެއުމުގެ އިތުރުން މީހުން އެންމެ އާންމުކޮށް ހަދާ ގޯހަކީ ޗޮކްލެޓް އައިސްއަލަމާރީގައި ބެހެއްޓުމެވެ. މިކަމާއި ގުޅުގޮތުން ވާހަކަދައްކަމުން ނަތާލީ ފާހަގަކޮށްފައިވަނީ، ޗޮކްލެޓް ބެހެއްޓުމަށް އެންމެ އެދެވިގެންވާ މިންވަރަކީ 18 ސެލްސިއަސް ކަމަށެވެ.

ދިރާސާތަކުން ދައްކާ އަނެއް ޝައުގުވެރިކަމަކީ ޗޮކްލެޓް ކާ ގަޑިތަކަކީ އޭގެން ބަރުދަނަށް ކުރާ އަސަރު ކޮންޓްރޯލް ކުރުމުގެ ދައުރެއް އަދާކުރާ އެއްޗެއްކަމެވެ. މި ދިރާސާގައި ހެނދުނު ޗޮކްލެޓް ކައިފައިވާ މީހުންގެ ބަރުދަނަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަން ފާހަގަކޮށްފައިވާއިރު، ދުވާލުގެ ވަގުތު ތަކުގައި ފޮނި އެއްޗިހި ކެއުމުގެ ޝައުގުވެރިކަން މިމީހުންގެ ކުޑަވެފައިވާކަންވެސް ފާހަގަ ކުރެވުނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-