މި ސަރުކާރު ހަވާލުވި ފަހުން މިހާތަނަށް ސައްހަ ނޫން ލިޔެކުއުން ބޭނުންކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި 1،664 ބިދޭސީއަކު ހުއްޓުވާފައިވާ ކަމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރު މުހައްމަދު ޝިފާން ވިދާޅުވީ، މިސަރުކާރުން ހަވާލުވިފަހުން ސައްހަނޫން ލިޔެކިޔުން ބޭނުންކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި 1،664 ބިދޭސީއަކު ދެނެގަނެ، އެމީހުން ހުއްޓުވާފައިވާ ކަމަށެވެ.
ޓޫރިސްޓު ވިސާގައި ނުގަވައިދުން މީހުން އެތެރެ ވާތީ އެކަން ހުއްޓުވުމަށް ބޯޑަރު އޮފިސަރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރައްވާ ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރު މުހައްމަދު ޝިފާން ވަނީ ޓޫރިސްޓު ވިސާގައި ރާއްޖެ އެތެރެވާން އުޅުނިކޮށް ހިފަހައްޓާފައިވާ މީހުން ނިސްބަތްވާ ގައުމު އިންގޭ ފަދައިން ތަފާސް ހިސާބު ނޫސްވެރިންނާއި ހިއްސާ ކުރައްވާފައެވެ.
އެގޮތުން، މިސަރުކާރު ހަވާލުވިފަހުން ލިޔެކިއުން ފޯޖްކޮށްގެން އެތެރެވާން އުޅުނު މީހުންގެ ތެރޭގައި 356 ބަންގްލަދޭޝް މީހަކާއި 195 ސްރީލަންކާ މީހަކާއި، 162 އިންޑިއާ މީހަކާއި 42 ނައިޖީރިއާ މީހަކާއި، 35 ވިއެޓްނާމް މީހެއްގެ އިތުރުން އެހެނިހެން ގައުމުތަކުން 499 މީހުން ހިމެނެއެވެ.
މީގެއިތުރުން، ވޯކް ވިސާ ފޯޖުކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތް ކުރި 341 މީހަކު ހުއްޓުވާފައިވާއިރު އޭގެ ތެރޭ 22 ގައުމަކަށް ނިސްބަތްވާ މީހުން ހިމެނޭ ކަމަށް ޝިފާން ވިދާޅުވިއެވެ. އެއީ 205 ބަންގްލަދޭޝް މީހަކާއި، 38 އިންޑިއާގެ މީހަކާއި، 31 ސްރީލަންކާ މީހަކާއި، 8 އިންޑޮނޭޝިއާ މީހަކާއި، 6 ނައިޖީރިއާގެ މީހެއްގެ އިތުރުން އެހެނިހެން ގައުމުތަކަށް ނިސްބަތްވާ 54 މީހެކެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބެލުމުން ނުގަވައިދުން ރާއްޖެއަށް އެތެރެވާން އުޅޭ ބިދޭސީންގެ ތެރެއިން އެންމެ ގިނައީ ބަންގްލަދޭޝްގެ ބިދޭސީންކަން ފާހަގަ ކުރެވެއެވެ.