ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައި ކޮމިޝަންގެ ފަރާތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް 10 ކޮމްޕިއުޓަރު ސިސްޓަމާއި ހަތް ލެޕްޓޮޕް ހަދިޔާކޮށްފިއެވެ.
މިތަކެތި ހަވާލުކުރުމަށް މިއަދު ހެނދުނު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިޔާތެއްގައި ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައިކޮމިޝަންގެ ފަރާތުން މި ތަކެތި ހަވާލުކޮށްދެއްވާފައިވަނީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ފައްޔާޒް ގިލާނީއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން މި ތަކެއްޗާއި ހަވާލުވެވަޑައިގަތީ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ.
މި ރަސްމިޔާތުގައި ދެއްކެވި ވާހަކަފުޅުގައި ޕާކިސްތާނުގެ ސަފީރުވަނީ، ރާއްޖެ އާއި ޕާކިސްތާނާ ދެމެދު އޮތް ގާތްގުޅުން ފާހަގަކުރައްވައި ރާއްޖެއަށް ބޭނުންވާ އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވުމުގައި އަބަދުވެސް ޕާކިސްތާނު ދެމި އޮންނާނެ ކަމަށް ވިދާޅުވެފައެވެ.
އަދި މީގެ އިތުރުން އިސްލާމީ ގުޅުން ވަރުގަދަ ކުރުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ސަފީރު ވަނީ އަރުވައިފައެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި ވަޒީރު ޝަހީމް ވަނީ ޕާކިސްތާނުގެ ފަރާތުން ރާއްޖެއަށް، ހާއްސަކޮށް އިސްލާމިކް މިނިސްޓްރީ އަށް ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ޕާކިސްތާނު ސަފީރަށް ވަނީ ޝުކުރު ދަންނަވާފައެވެ.