‘އީ-ލާނީން’ ޕްރޮގްރާމް ހިންގުމުގެ ހުއްދަ ނެތި މަތީ ތަޢުލީމު ދޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)އިން ދީފިއެވެ.
އެމްކިއުއޭއިން މި ކަން ހާމަކޮށްފައިވަނީ އިއްޔެ އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި އެ އޮތޯރިޓީން ހާމަކުރީ އީ ލާނިން ހުއްދަ ނުހޯދާ ޕްރޮގްރާމްތައް އިޝްތިހާރުކޮށް، ހިންގާކަމުގެ ޝަކުވާތައް އެ އޮތޯރިޓީއަށް ތަކުރާރުކޮށް ލިބެމުންދާކަމަށެވެ.
އެމްކިއުއޭއިން ކޮވިޑްގެ ތެރޭގައި ދޫކުރި އީލާނިން ޕްރޮގްރާމްތައް ހިންގުމުގެ ހުއްދަ 2022 ވަނަ އަހަރު ވަނީ ބާޠިލްކޮށްފައެވެ. އޭގެ ފަހުން އެ އޮތޯރިޓީން “ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދު” އަދި “ގައިޑްލައިންސް ފޯ އީލާނީން” ގެޒެޓް ކުރިއެވެ. އެ ލިޔުންތަކުން ކަނޑައަޅާ ގޮތުގައި ރާއްޖޭގައި މަތީ ތަޢުލީމު ދޭ ޕްރޮގްރާމްތައް ހިންގޭނީ އެ ގަވާއިދާ އެއްގޮތަށެވެ. އޭގެ ތެރޭގައި އެމްކިއުއޭއިން ދޫކުރާ ހުއްދަ ހޯދުން ހިމެނެއެވެ.
އެމްކިއުއޭއިން ބުނެފައިވާ ގޮތުގައި އެކްރެޑިޓް ނުކުރާ ޕްރޮގްރާމަކުން ޙާސިލު ކުރާ ސަނަދެއް އެ އަތޯރިޓީއިން ގަބޫލެއް ނުކުރާނެއެވެ. އަދި އެ ކަމުގެ ޒިންމާ އެ އޮތޯރިޓީން ނުނަގާނެއެވެ. ހަމައެހެންމެ “ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދު” ގެ 30 ވަނަ ބާބުގެ ދަށުން އެ ފަދަ މަރުކަޒަކާ މެދު ފިޔަވަޅު އެޅޭނެކަމަށް ވެސް އެ އޮތޯރިޓީގެ ބަޔާނުގައި ބުނެފައިވެއެވެ.