އޯލެވެލް އިމްތިހާނުގައި 3 މާއްދާއިން ފާސްވާ ދަރިވަރުންނަށް އޭލެވެލަށް ވަދެވޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މި ކަން ހާމަކޮށްފައި ވަނީ އިއްޔެ ހުރިހާ ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައެވެ. މި ކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މީޑިއާތަކަށް ވިދާޅުވީ ސަރުކާރުގެ ސްކޫލްތަކުގައި ޖާގަ ހުރި ނަމަ ވީހާ ވެސް ގިނަ ކުދިންނަށް ފުރުސަތު ދިނުމަކީ އެ މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެއްކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ މި ނިންމުމަށް އަމަލު ކުރާނީ ސަރުކާރުގެ ސްކޫލްތަކުންނެވެ. މިހާތަނަށް އައި އިރު ސަރުކާރުގެ ސްކޫލްތަކުގައި އޭލެވެލަށް ކިޔަވަން ފުރުސަތު ލިބެނީ އޯލެވެލް އިމްތިހާނުގައި މަޖުބޫރު ހަތަރު މާއްދާގެ އިތުރުން އިތުރު އެއް މާއްދާއިން ސީ ފާސް ލިބިގެންނެވެ.
އޭލެވެލް ކްރައިޓީރިއާއަށް ފަހުން ގެނެވުނު ބަދަލުތައް:
- 1. އޯލެވެލް އިމްތިހާނުގައި ދިވެހި ނުވަތަ އިސްލާމް މާއްދާއިން ދަށްވެގެން ސީ ފާހެއް ލިބުމާ އެކު، އެ އިމްތިހާނުގެ ކޮންމެވެސް އެއް ސްޓްރީމަކުން (ސައިންސް / ބިޒްނަސް) މަދުވެގެން ދެ މާއްދައިން ދަށްވެގެން ސީ ފާހެއް ލިބުމާ އެކު، އިތުރު އެއް މާއްދާއިން ދަށްވެގެން ސީ ފާހެއް ހޯދުން.
- އޯލެވެލް އިމްތިހާނުގައި ތިން މާއްދާއިން ދަށްވެގެން ސީ ފާހެއް ލިބިފައިވުން.
- އިންޑިވިޖުއަލް އެޑިއުކޭޝަން ޕްލޭނެއްގެ ދަށުން [އައިއީޕީ] އިމްތިހާނު ހަދާ ދަރިވަރުން ނިންމާ އިމްތިހާނުގައި ބައިވެރިވި މާއްދާތަކުގެ ތެރެއިން ދެ މާއްދާއިން ދަށްވެގެން ސީ ފާހެއް ލިބިފައިވުން.
- ކުދިން ކިޔަވަން ބޭނުންވާ މާއްދާ ނުވަތަ މާއްދާތަކުން ސާނަވީ ނިންމައި، އިމްތިހާނަކުން ދަށްވެގެން ސީ ފާހެއް ލިބިފައިވުން.
މަތީގައި ބަޔާންވެދިޔަ 4 ޝަރުތުގެ ތެރެއިން ކޮންމެވެސް އެއް ޝަރުތެއް ހަމަވާ ނަމަ، އޭލެވެލަށް ވަނުމުގެ ފުރުޞަތު އެ ދަރިވަރަކަށް އޮންނާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. ހަމައެހެންމެ އޭލެވެލަށް ކިޔެވުމަށް ފުރުސަތު ދިނުމުގައި ބަލާނީ އޭގެ ކުރީގެ 2 އަހަރުގެ ނަތީޖާއަށްކަމަށާއި ފުރުޞަތު ދޭނީ މި އަހަރުގެ ޑިސެމްބަރު 31 އާ ހަމައަށް އުމުރުން 18 އަހަރު ނުފުރޭ ދަރިވަރުންނަށްކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.
މީގެ އިތުރުން އެ މިނިސްޓްރީން ބުނީ އޭލެވެލަށް ވަނުމަށް އެދި ހުށަހަޅާ ފޯމުގެ އަދަދު ސުކޫލުގައި ޖާގަ އޮތް މިންވަރަށް ވުރެ އިތުރުވާ ނަމަ، ޖާގަ ދެވޭނީ އޯލެވެލްގައި އެންމެ ރަނގަޅު ނަތީޖާ ލިބިފައިވާ ދަރިވަރުންނަށްކަމަށެވެ.
ރާއްޖޭގައި އޭލެވެލަށް ކިޔަވާ ދަރިވަރުންގެ އަދަދު މަދުވަމުން އަންނަކަމަށް އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ. އެންމެ ފަހުން ރާއްޖޭގައި ބޭއްވި އޭލެވެލް އިމްތިހާނުގައި ބައިވެރިވެފައިވަނީ 3،268 ދަރިވަރުންކަމަށް މައުލޫމާތު ލިބެއެވެ.