ރާއްޖެއިން މިޔަރު އުރަހަތަކެއް ބޭރުކުރަން އުޅުނު މީހަކު 50،000ރ.އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މި ހުކުމް އިއްޔެ ނެރެފައިވަނީ ސްރީ ލަންކާގެ މީހެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ދައުވާކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއިން ބޭރަށް ފުރަން ދިޔައިރު އޭނާގެ ލަގެޖް ތެރެއިން މިޔަރު އުރަހަތަކެއް ފެނުނުކަމަށް ބުނެއެވެ.
އެ މީހާ ވަނީ ކްރިމިނަލް ކޯޓުގައި ކުށަށް އިއުތިރާފްވެފައެވެ. އެހެންކަމުން އެ ކުށް އޭނާގެ މައްޗަށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވެއެވެ. އަދި އެ ކުށުގެ އަދަބެއްގެ ގޮތުގައި ކަސްޓަމްސްގެ ގާނޫނުގެ ދަށުން ކަނޑައަޅާފައި އޮތީ 6 މަހާއި 2 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 10،000ރ.އާއި 240،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. ކްރިމިނަލް ކޯޓުން ނިންމީ ޖޫރިމަނާގެ އަދަބެއް ކަނޑައެޅުމަކީ އެ މައްސަލާގައި އޮތް މަސްލަހަތު ހުރި ގޮތްކަމަށެވެ.
ކްރިމިނަލް ކޯޓުން ބުނި ގޮތުގައި ޖޫރިމަނާގެ އަދަބެއް ކަނޑައަޅަން ޖެހުނީ އޭނާގެ ހާލަތަށް ރިއާޔަތް ކޮށްފައެވެ. އެގޮތުން އެ މީހާގެ ދަރިއަކު ސްރީ ލަންކާގައި އެކްސިޑެންޓްވެ، ފަރުވާ ހޯދަމުންދާކަމުގެ ލިޔުންތަކެއް އޭނާ ހުށަހަޅާފައިވާކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.
އޭނާގެ މައްޗަށް ކަނޑައަޅާފައިވާ ޖޫރިމަނާ ދައްކާ ހަލާސްކުރުމަށް އޭނާއަށް ކޯޓުން ދީފައިވަނީ 1 މަސް ދުވަހުގެ މުއްދަތެކެވެ.