ދިވެހި ފިރިހެނަކު ރަހީނުކޮށްގެން މާލޭގައި ގެންގުޅުނު މައްސަލައަކާއި ގުޅިގެން 3 މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފިރިހެނަކު ރަހީނުކޮށްގެން މާލޭ ގެއެއްގައި ގެންގުޅުނު މައްސަލައެއް އިއްޔެ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިމައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ، 27 އަހަރުގެ އަދި 22 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ބުނެފައިވެއެވެ.
މިމައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވާ 3 މީހުންގެ ބަންދާއިމެދު ގޮތެއް ނިންމަމުން ކޯޓުން ބުނެފައިވަނީ ތިން މީހުން ހައްޔަރުކޮށްފައިވަނީ ސީނުން ކަމަށާއި އެމީހުން ހައްޔަރުކުރި ވަގުތު ރަހީނުކޮށްފައިވާ ފަރާތް ނުވަތަ ވިކްޓިމް ސީންގައި ހުރިކަން އިންވެސްޓިގޭޝަން އޮފިސަރުން ބުނެފައިވާ ކަމަށެވެ.
މީގެއިތުރުން، އަނިޔާ ލިބުނު މީހާއަށް ދެވޭނީ ފައިސާ ދިނުމުން ކަމަށް ބުނެ އިންޒާރުދީފައިވާ ކަމަށާއި ސީސީޓީވީ ފުޓޭޖުން މި މީހުން އޭނާ ގޮވައިގެންދާ މަންޒަރު ފެންނަކަމަށް އިންވެސްޓިގޭޝަން އޮފިސަރުންނާ ހަވާލާދީ ކޯޓު އަމުރުގައި ބުނެފައިވެއެވެ. މިކަންކަމަށް ރިއާޔަތްކޮށް ކްރިމިނަލް ކޯޓުން ވަނީ އެމީހުންގެ ބަންދަށް 10 ދުވަސް ޖަހާފައެވެ.