-Advertisement-

-Advertisement-

އެމްއެމްއޭގެ ގަވަރުނަރު ވަކިކުރުމުގެ މައްސަލަ މިއަދަށް އެޖެންޑާކޮށްފި

ގަވަރުނަރު އަލީ ހާޝިމް. ފޮޓޯ: ސޯޝަލް މީޑީއާ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ލަފާއެރުވުމުގެ މައްސަލަ މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާގައިވާގޮތުން މި މައްސަލަ ތާވަލުކޮށްފައިވަނީ ކޮމިޓީން ހުށަހަޅާ މައްސަލައެއްގެ ގޮތުގައެވެ. މި މައްސަލައިގައި މާލިއްޔަތު ކޮމިޓީގެ ރިޕޯޓް ތަޅުމަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ.

ރޭ 8:30 ގައި ބޭއްވި މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް 8 މެމްބަރުންގެ އިއްތިފާގުން ނިންމީ މިއަދަށް ތާވަލުކުރި ބަހުސް 1 ގަޑިއިރަށް ކުރިއަށްގެންދިއުމަށެވެ.

ގަވަރުނަރު މަގާމުން ވަކިކުރުމަށް ރައީސަށް ލަފާއެރުވުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ނާޒިމެވެ. ނާޒިމް ވިދާޅުވީ ގައުމުގެ އިޤްތިޞާދު ހީނަރުވެގެން ދިޔަ އިރު އެމްއެމްއޭގެ ގާނޫނުގައި ބަޔާންކުރާ މަގުސަދުތައް ހާސިލުވެފައި ނެތްކަމަށެވެ. އަދި މަނިޓަރީ ޕޮލިސީ އެންމެ އެކަށީގެންވާ ގޮތުގައި ހިނގަމުންނުދާތީ މައްސަލަ ހުށަހެޅުއްވީކަމުގައި ނާޒިމް ވިދާޅުވެފައިވެއެވެ. އަދި އެ ހުށަހެޅުއްވުމުގެ ކުރިން ގަވަރުނަރު އަދާކުރައްވަން ޖެހިވަޑައިގަންނަވާ ޒިންމާތައް އަދާ ނުކުރައްވާކަމަށް ބުނެ، އިދާރާތަކުން ދީފައިވާ ޖަވާބުތައް ވެސް ނާޒިމް ވަނީ ހިއްސާކުރައްވާފައެވެ.

ހާޝިމްގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ޖަވާބުދާރީވުމުގެ ފުރުސަތު މާލިއްޔަތު ކޮމިޓީން 4 ފަހަރެއްގެ މަތިން އެރުވިއެވެ. ކޮމިޓީއަށް ހާޒިރުވާން ހާޝިމް އުޒުރުވެރިވެވަޑައިގަތުމުން ކޮމިޓީގެ މެންބަރުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައި، އޭނާއަކީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ގާބިލު ބޭފުޅެއް ނޫންކަމަށާއި ވީހާ ވެސް އަވަހަށް އޭނާ މަގާމުން ވަކިކުރަން ޖެހޭކަމަށް ވިދާޅުވެފައިވެއެވެ. އެ މައްސަލައިގައި ހާޝިމް މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، މި ހާލަތަށް ކަންކަން ވެއްޓުނީ ދެއްވި ލަފައާ އެއްގޮތަށް ސަރުކާރުން އަމަލުނުކުރުމުންކަމަށެވެ. އަދި އިޤްތިޞާދީ ކާރިސާއެއް އައުމުގެ ކުރިން އެ ފަދަ ހާލަތަކުން ގައުމު ސަލާމަތްކުރަން ބޭނުންވާ މައުލޫމާތާއި އިރުޝާދު ދީ، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން އެމްއެމްއޭއިން ސަރުކާރާ ހިއްސާކޮށްފައިވާނެކަމަށް އެ ސިޓީގައި ވެއެވެ.

މި ކަމުގައި ލިއުމުން ޖަވާބުދާރީވުމަށް ގަވަރުނަރަށް އިތުރު ފުރުޞަތެއް ދިނުމާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުންގެ މެދުގައި ވަނީ ވޯޓަށް އަހާފައެވެ. އެ ވޯޓުގައި މެންބަރުންގެ އަޤުލަބިއްޔަތުން ނިންމީ އިތުރަށް ފުރުޞަތެއް ދޭން ނުފެންނަކަމަށެވެ.

މާލިއްޔަތު ކޮމިޓީން ވަނީ އިޤްތިޞާދީ ކާރިސާއިން ޤައުމު ސަލާމަތްކުރުމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ ހައިސިއްޔަތުން މަސައްކަތްކޮށްފައި ނުވާކަމަށް ބުނެ، ގަވަރުނަރުގެ މަޤާމުން ޢަލީ ޙާޝިމް ވަކިކުރެއްވުމަށް ރައީސަށް ލަފާދެއްވުމަށް ފާސްކޮށްފައެވެ. މީގެ ކުރިން ވެސް އެ ކޮމިޓީން އެ ގޮތަށް ނިންމައި މަޖިލީހުގެ ރައީސަށް ސިޓީ ފޮނުވިއެވެ. ނަމަވެސް އެ މައްސަލައިގައި ގަވަރުނަރަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް އަލުން ފޮނުވިފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-