-Advertisement-

-Advertisement-

އިންގިލާބީ ކުރިއެރުމެއް ކުޅިވަރުގެ ދާއިރާއިން ގެނައުމަށް މި ސަރުކާރުން މަސައްކަތްކުރާނެ: ރައީސް

ފޮޓޯ: ރައީސް އޮފީސް

ތާރީޚު ދެކިފައިނުވާ ފަދަ އިންގިލާބީ ކުރިއެރުމެއް ކުޅިވަރުގެ ދާއިރާއިން ގެނައުމަށް މި ސަރުކާރުން މަސައްކަތްކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިއްޔެ ރައީސް އޮފީހުގައި، މި އަހަރުގެ އޮލިމްޕިކްސްގައި ރާއްޖޭން ބައިވެރިވާ އެތުލީޓުންނާ ބައްދަލުކުރުން ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ މިއީ ދިވެހި ކުޅިވަރަށް އާ ފެށުމެއްކަމަށާއި، ވަސީލަތްތަކާއި އެ ނޫން ވެސް، ކާމިޔާބު ހޯދަން ބޭނުންވާ ކަންކަން މި ސަރުކާރުން ފަހިކޮށްދޭނެކަމަށެވެ.

ޕެރިސް އޮލިމްޕިކްސްގައި ރާއްޖޭގެ ފަރާތުން 5 އެތުލީޓުން ބައިވެރިވެއެވެ. އެ ކަމަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ، ރާއްޖޭގެ ފަރާތުން ގިނަ އެތުލީޓުން ބައިވެރިވުމުގެ ފުރުޞަތު ލިބުމަކީ ކުޅިވަރު ކުރިއެރުވުމަށް ލިބޭ ބޮޑު ހިތްވަރެއްކަމަށެވެ. އޮލިމްޕިކްސްގައި ބައިވެރިވާ 5 އެތުލީޓުންނަށް ވެސް ހިތްވަރުދެއްވަމުން ރައީސް ވަނީ ރާއްޖެއަށް ގެނެސްދެވެން އޮތް އެންމެ ރީތި ނަމެއް ހޯދައިދެއްވުމަށް އެދިވަޑައިގެންފައެވެ. ރައީސް ވިދާޅުވީ ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް އެންމެ ފުރިހަމައަށް އެ އެތުލީޓުން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ.

އޮލިމްޕިކްސްގައި ރާއްޖޭން ވާދަކުރަނީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީއާއި ދުވުންތެރިޔާ އިބާދުﷲ އާދަމްއާއި ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަދި ދެ ފެތުންތެރިންކަމަށްވާ މުހައްމަދު އާން ހުސައިން އަދި އާއިޝަތު އުލްޔާ ޝާއިގްއެވެ.

މި މަހުގެ 26 ގައި ފްރާންސްގެ ވެރިރަށް ޕެރިހުގައި ފަށާ އޮލިމްޕިކްސް އަކީ ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތެވެ. މި ގޭމްސްގައި 32 ކުޅިވަރެއްގެ 329 އިވެންޓް އޮންނާނެއެވެ. ރާއްޖޭން ބައިވެރިވާ ފަސް އެތުލީޓުންގެ ތެރެއިން ދީމާ ބައިވެރިވަނީ ކޮލިފައިވެގެންނެވެ. އަނެއް ހަތަރު އެތުލީޓުންނަށް ފުރުސަތު ލިބުނީ ކޮންމެ ގައުމަކަށް ދޭ ވަކި ކޯޓާއެއްގެ ދަށުންނެވެ.

ރާއްޖޭގެ ދިދަ އުފުލާނީ ދީމާ އާއި އިބާދުﷲއެވެ. އެ ދެ އެތުލީޓުންނާ ދިދަ ހަވާލުކުރެއްވުމަށް ފަހު ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެހެން ފަހަރުތަކާ ހިލާފަށް މި ފަހަރު ރާއްޖޭން އޮލިމްޕިކްސްގައި ގިނަ އެތުލީޓުން ވާދަކުރުމަކީ ކުޅިވަރު ކުރިއަރުވަން މި ސަރުކާރުން ކުރާ މަސައްކަތަށް ލިބޭ ހިތްވަރެއްކަމަށެވެ.

އެ ފަސް އެތުލީޓުންނަށް މި ހިސާބަށް އާދެވޭނީ ވަރަށް ބުރަ މަސައްކަތުންކަން ފާހަގަކުރައްވާ ރައީސް ވަނީ ކުރިއަށް އޮތްތަނަށް މިއީ ވަރަށް މުހިންމު ފެށުމެއްކަމަށް ބެލުމަށް އެދިވަޑައިގެންފައެވެ. އޮލިމްޕިކްސްއާ ހަމަޔަށް އެތުލީޓުންނަށް އާދެވުނީ އެ ކުޅުންތެރިންގެ އިތުރުން ކޯޗުންނާއި، އެސޯސިއޭޝަނުންނާއި، މިނިސްޓްރީންނާއި، ކުޅިވަރު ކޮމިއުނިޓީގެ ބުރަ މަސައްކަތުންކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި އެކި ދާއިރާތަކުން ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރައްވާކަމަށާއި، ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖެއަށް ރީތި ނަން ހޯދައިދެވޭނެ ފެންވަރަށް ކުޅިވަރު ކުރިއެރުވުމަށް ބޭނުންވާ ޢުމްރާނީ ވަސީލަތްތައް ޤާއިމްކުރުމުގެ މަސައްކަތްކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ކުޅިވަރުގެ ޢުމްރާނީ ވަސީލަތް އިތުރުކުރުމަށް އަންނަ އަހަރުން ފެށިގެން ކުޅިވަރުގެ ވުޒާރާގެ ބަޖެޓުގައި ވަރަށް އިސްކަން ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-