ދިވެހިރާއްޖޭގެ ސިވިލް ސަރވިސްގެ ޤަވާއިދަށް އިސްލާހު ގެނައުމާއި މެދު އާންމުންގެ ޚިޔާލު ހޯދުމަށް ނިންމައިފިއެވެ.
މިކަމާއި ގުޅިގެން އެ ކޮމިޝަނުން މިއަދު ވިދާޅުވީ، ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ޒަމާނީ ޓެކްނޮލޮޖީގެ ޒަރީޢާއިން އެ ޚިދުމަތްތައް އަވަސްކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އެ ކޮމިޝަންގެ އަމާޒެއް ކަމަށެވެ.
މީގެ އިތުރުން އެ ކޮމިޝަންގެ ދަށުން މަސައްކަތް ކުރާ ސިވިލް ސަރވެންޓުންގެ ޙައްޤުތައް ކަށަވަރުކޮށްދީ، އިދާރާތައް ހިންގުމުގައި ލުއި ފަސޭހަ ގޮތަތައް ހޯދައި ދިނުމަކީ އެ ކޮމިޝަނުން އަބަދުވެސް ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.
މީގެ އިތުރުން މުވައްޒަފުންގެ ކަންކަން ބެލެހެއްޓޭނެ ފަސޭހަ ނިޒާމުތައް ގާއިމް ކުރުމަށް މަސައްކަތް ކުރާކަން ފާހަގަކޮށް އެ ކޮމިޝަނުން ވަނީ، އެކަށައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި އެ ކޮމިޝަންގެ ގަވާއިދު އިސްލާހުކުރުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކޮށްފައެވެ.
އަދި މިކަމުގެ ދަށުން ގެނެވޭ ބަދަލުތަކާއި އިސްލާހުތައް ގެނައުމުގައި ސިވިލް ސަރވެންޓުންގެ އިތުރުން އާންމު ރައްޔިތުންގެ ޚިޔާލާއި ޝްވަރާ ބޭނުންވާ ކަމަށް ސިވިލް ސަރވިސްކޮމިޝަނުން ވަނީ ބުނެފައެވެ.
ވުމާއެކު އެ ކޮމިޝަންގެ ޤާވާއިދަށް އެއްވެސް އިސްލާހެއް ގެނައުމަށް ޚިޔާލެއް އޮތް ނަމަ، ކޮމިޝަނުގެ lad@csc.gov.mv އީމެއިލް އެޑްރެހަށް ނުވަތަ ކޮމިޝަނަށް، އޮގަސްޓް 31 ގެ ކުރިން ފޮނުވުމަށް އެދިފައެވެ.