-Advertisement-

-Advertisement-

ބެކްޓީރިއާތަކުގެ ޛަރީއާއިން ފެތުރޭ ބަލިތަކާއި ގުޅޭގޮތުން އެނގުން މުހިންމު މައުލޫމާތު

ބެކްޓީރިއާ އަކީ އެންމެ ސެލްއެއް އެކުލެވޭ ވަރަށް އަވަހަށް އާލާވާ ދިރޭ އެއްޗެކެވެ. އަހަރެމެންގެ ވަށައިގެންވާ މާހައުލުގައި ގޭތެރެއާއި، މަގުމަތީގައި އަދ މަސައްކަތުގެ މާހައުލުގައިވެސް އެތައް މިލިއަން ބެކްޓީރިއާއެއް އެބަހުއްތެވެ. އަދި އަހަރުމެންގެ ހަށިގަނޑުގައި އެތެރޭގަ އާއި ހަންގަނޑުގައިވެސް ދިރިއުޅޭ އެތައް މިނިއަން ބެކްޓީރިއާ އެއްވެސް އެބަހުއްޓެވެ. މީގެތެރެއިން ގިނަ ބެކްޓީރިއާތަކަކީ އަހަރުމެންނަށް އެގެ ސަބަބުން ގެއްލުމެއް ނުވާ އެއްޗިއްސެވެ.

ބެކްޓީރިއަލް އިންފެކްޝަނަކީ ކޮބާ؟
ބެކްޓީރިއަލް އިންފެކްޝަން އަކީ ބެކްޓީރިއާ އުފެދުމުގެ ސަބުބުން ނުވަތަ ވިހަމާއްދާއެއްގެ ސަބަބުން ޖެހޭ ބަލިތަކެވެ. އާންމުކޮށް މިފަދަ ބަލިތައް ޖެހޭނީ ހަންގަނޑާއި، ގޮހޮރު (ޖީ.އައި ޓްރެކް)، ފުއްޕާމޭ، ހިތް، ސިކުނޑި އަދި ލެއަށެވެ. އެކަމަކު ހަށިގަނޑުގެ އެހެން ތަނެއްގައިވެސް ބެކްޓީރިއާ އުފެދިއްޖެނަމަ ބެކްޓީރިއަލް އިންފެކްޝަން އެއް ޖެހުމަކީ ވެދާނެ ކަމެކެވެ.

ތިމާގެ ވަށައިގެންވާ މާހައުލުންވެސް ބެކްޓީރިއަލް އިންފެކްޝަން އެއް ޖެހިދާނެއެވެ. މިސާލަކަށް ބަލިޖެހިފައިވާ ޖަނަވާރެއް ނުވަތަ މީހެއްގެ ފަރާތުން ބަލި ޖެހުމަކީ ވަރަށް އާންމު ކަމެކެވެ. އޭގެއިތުރުން ތަޢައްޔަރުވެފައިވާ ކާނާ ނުވަތަ ފެނުގެ ޛަރީއާއިން އިންފެކްޝަން އެއް އުފެދިދާނެއެވެ. މީގެއިތުރުން ހަށިގަނޑުގައި ހުންނަން ނުޖެހޭތަނަކަށް ބެކްޓީރިއާ ދިއުމުންވެސް މިފަދަ ބައްޔެއް ޖެހުމުގެ ފުރުސަތު އޮވެއެވެ.

ބެކްޓީރިއަލް އިންފެޝަން އަކީ ސީރިއަސް ބައްޔެއްތަ؟
އަހަރުމެންގެ ތެރޭގައި އާންމު ބެކްޓީރިއަލް އިންފެކްޝަންތަކަކީ، އެންޓިބަޔޮޓިކްސް އިން ފަސޭހައިން ފަރުވާ ކުރެވޭ އިންފެކްޝަންތަކެކެވެ. އެކަމަކު ބެކްޓީރިއަލް އިންފެކްޝަން ޖެހޭ ގުނަވަން މިސާލަކަށް ހިތާއި، ފުއްޕާމޭ އަދި ސިކުނޑި ފަދަ ހަށިގަނޑުގެ އެތެރޭގެ ބައިތަކަށް ޖެހޭ އިންފެކްޝަންތަކަކީ ފުރާނައަށް ނުރައްކާވާ އިންފެކްޝަންތައް ކަމުގައި ބެލެވެއެވެ.

ބެކްޓީރިއަލް އިންފެކްޝަންތައް ފެތުރެނީ ކިހިނެއް؟
ބެކްޓީރިއަލް އިންފެކްޝަންތައް ފެތުރިދާނެ ގިނަގޮތްތަކެއް އެބަހުއްޓެވެ. މިސާލަކަށް ވައިގެ ތެރޭގައި ހުންނަ މާއްދާތަކާއި އެކުވާ އެއްޗިހިން އަދި ސީދާ ނުވަތަ ނުސީދާ ކޮންޓެކްޓުންގެ ފަރާތުންނާއި މަދިރިފަދަ ބެކްޓީރިއާ އުފުލާ އެއްޗަކުން އަދި ތަޢައްޔަރުވެފައިވާ ކާނާ ނުވަތަ ފެނުން ފެތުރިދާނެއެވެ.

ބެކްޓީރިއަލް އިންފެކްޝަންތަކުގެ ނުރައްކާ ބޮޑީ ކޮންބަޔަކަށް؟
ހަޤީޤަތުގައި ބެކްޓީރިއަލް އިންފެކްޝަންގެ ސަބަބުން ޖެހޭ ބަލިތަކަކީ ކޮންމެ މީހަކަށްވެސް ޖެހިދާނެ ބަލިތަކެވެ. އަދި ކޮންމެ މީހަކަށްވެސް ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި މިފަދަ ބައްޔެއް ޖެހުމަކީވެސް ވަރަށް ގާތް ކަމެކެވެ. އެކަމަކު މިފަދަ އިންފެކްޝަންއެއްގެ ނުރައްކާ ބޮޑުވާ ވަކި މީހުންވެއެވެ. އެއީ ހަކުރު ބަލި ހުންނަ މީހުންނާއި އެހެން ބައްޔެއްގެ ސަބަބުން ދިފާއީ ނިޒާމު ބަލިކަށިވެފައިވާ މީހުންނަށް މިފަދަ އިންފެކްޝަންއެއްގެ ނުރައްކާ ބޮޑެވެ. އަދި މީގެއިތުރުން ހުޅުވިފައިވާ ޒަޚަމެއް ހުރި މީހުންނާއި ދާދި ފަހުން ސާޖަރީއެއް ކޮށްފައިވާ މީހެއް ނަމަވެސް ނުރައްކާ ބޮޑުވެއެވެ.

ބެކްޓީރިއަލް އިންފެކްޝަންތަކުން ރައްކާތެރިވާނީ ކިހިނެއް؟
އެކި ބާވަތްތަކުގެ ބެކްޓީރިއަލް އިންފެކްޝަންތަކުގެ ނުރައްކާ ކުޑަކުރެވޭނެ ގޮތްތައް އެބަހުއްޓެވެ. އެންމެ އާންމު ގޮތަކީ ވެކްސިން ޖެހުމެވެ. އަދި ތިމާގެ އަމިއްލަ ނަފްސާއި ވަށައިގެންވާ މާހައުލުގެ ސާފުތާހިރުކަން ކަށަވަރު ކުރުމަކީ ބެކްޓީރިއަލް އިންފެކްޝަންތަކުން ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ. ހަމައެއާއިއެކު ކާބޯތަކެތި ރަނގަޅަށް ރައްކާ ކުރުމާއި، ކެއުމުގެ ކުރިން ކާނާގެ ތާޒާކަން ކަށަވަރުކުރުންވެސް މުހިންމެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-