-Advertisement-

-Advertisement-

އިންތިޚާބުތަކާ ދިމާކޮށް ކުރީގެ ސަރުކާރުން ދޫކޮށްލި ކުށްވެރިންގެ އަދަދު ރައީސް އޮފީހުން ހާމަކޮށްފި

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ އިސްނެންގެވުމުގެ މަތިން 256 ގައިދީއަކަށް މާފު ދެއްވައި، މިނިވަންކުރެއްވިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއްޔެ މި މައުލޫމާތު ހާމަކޮށްފައިވަނީ ރާއްޖޭގެ ނޫހަކުން ކުރި ސުވާލަކާ ގުޅިގެންނެވެ. މި އަހަރުގެ ކުރީކޮޅު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން މާފު ދެއްވީ 13 ގައިދީއަކަށްކަމަށް ވެސް އެ އޮފީހުން ބުނެފައިވެއެވެ.

ނަމަވެސް ނިމިދިޔަ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ގިނަ އަދަދެއްގެ ނުރައްކާތެރި ކުށްވެރިންތަކެއް މިނިވަންކުރިކަމަށް އެމްޑީޕީން ތުހުމަތުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް 274 މީހަކަށް މައާފު ދެއްވުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ނިންމެވިކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އޭގެ ތެރޭގައި ކްލެމެންސީ ބޯޑުގެ ލަފާގެ މަތިން މާފު ދެވުނު 18 މީހަކު ހިމެނެއެވެ. އޭގެ ފަހުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް ކްލެމެންސީ ބޯޑުގެ ލަފާގެ މަތިން 122 މީހަކަށް މާފުދީފައިވާކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ. އަދި 379 ކުށްވެރިއަކަށް މާފުދީ، އަދަބު ލުއިކޮށްދިނުމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ އިސްނެންގެވުމުގެ މަތިން ކްލެމެންސީ ބޯޑުގެ ހިއްސާއެއް ނެތި ނިންމަވާފައިވާނެކަން ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ކްލެމެންސީގެ ދަށުން މާފުދީ ދޫކޮށްލި މީހުންގެ މައްޗަށް ސާބިތުވެފައިވާ ކުށްތަކަކީ ކޮބައިކަމެއް ރައީސް އޮފީހުން އިއްޔެ ހާމަކޮށްފައެއް ނުވެއެވެ. އެ ފަދަ މައުލޫމާތުތަކުގެ ރިކޯޑު ވަކިވަކިން ބެލެހެއްޓެމުން ނުދާކަމަށް އެ އޮފީހުން ހާމަކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ. ހަމައެހެމްނެ ޕެރޯލް ގާނޫނުގެ ދަށުން ދޫކުރާ މީހުންގެ މައުލޫމާތު ވެސް ރައީސް އޮފީހަށް އެނގިފައި ނުވާކަމަށް އެ އޮފީހުން ހާމަކޮށްފައިވެއެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ނިމިދިޔަ ސަރުކާރުގައި ކްލެމެންސީއާއި އަފުއާމުގެ ދަށުން ދޫކޮށްލި މީހުންގެ ތެރޭގައި މާރާމާރީއާއި ބިރުދެއްކުމާއި ގަސްތުގައި މީހުން މަރާލުމާއި ޓެރަރިޒަމް ފަދަ ނުރައްކާތެރި ކުށްތަކުގައި ބަންދުކޮށްފައި ތިބި 16 މީހަކު ހިމެނެއެވެ. އަދި ފައިސާއާ ގުޅޭ އެކި ކުށްތަކުގައި ބަންދުކޮށްފައި ތިބި 21 މީހަކަށް މައާފު ދީފައިވާ އިރު، ޖިންސީ ކުށްތަކުގައި ބަންދުކޮށްފައި ތިބި 3 މީހަކަށް ވެސް ވަނީ މައާފު ދީފައެވެ.

ދާޚިލީ ސަލާމަތާބެހޭ ވުޒާރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޕެރޯލްގެ ދަށުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހާ ހަމައަށް 53 މީހުން ވަނީ ދޫކޮށްލާފައެވެ. މީގެ ތެރޭގައި ޖިންސީ ކުށްތަކުގައި ބަންދުގައި ތިބި 2 މީހަކާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަންދުގައި ތިބި 46 މީހުން އަދި ތޫނު އެއްޗަކުން ހަމަލާދިނުމާއި ޓެރަރިޒަމްގެ މައްސަލަތަކުގައި ބަންދުގައި ތިބި 3 މީހުންނާއި މާލީ އެކި ކުށްތަކުގައި ވައްކަމުގެ މައްސަލަތަކެއްގައި ބަންދުގައި ތިބި 2 މީހަކު ހިމެނެއެވެ.

މިދިޔަ އަހަރު ގިނަ އަދަދެއްގެ ކުށްވެރިންތަކެއް ދޫކޮށްލާފައިވުމާ ގުޅިގެން މާލެ ސަރަހައްދުގައި ކުށްކުރުން ގިނަވެފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން ވަނީ ހާމަކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-