-Advertisement-

-Advertisement-

ސުލޫކީ މިންގަނޑާ ހިލާފުވާ މެންބަރުންނަށް އަދަބު ދޭން ނިންމައިފި

ގާނޫނާއި ގަވާއިދާއި އަދި މެންބަރުން އަމަލު ކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފު ވެއްޖެ ނަމަ މެންބަރުންނާ މެދު ފިޔަވަޅު އެޅޭނެ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހު ކޮށްފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން އެކުލަވައިލުމަށް ފަހު މިއަދު ތަޅުމުގައި ފާސްކޮށްފައިވަނީ ސުލޫކީ މިންގަނޑާ ހިލާފުވާ މެމްބަރުންނަށް ޖަލްސާތަކާއި ކޮމިޓީތަކުގައި ބައިވެރިވެވަޑައިނުގެންނެވޭ ކަމަށެވެ.

މީގެ ކުރިން އެކުލަވާލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން މެމްބަރުން ސުލޫކީ މިންގަނޑާ ޚިލާފުވާ ހާލަތުގައި މެންބަރުންގެ މައްޗަށް އެޅޭނެ މާބޮޑު ފިޔަވަޅުތަކެއް ނުހުރެއެވެ.

އެހެންނަމަވެސް މިއަދު މިއުސޫލަށް ގެނައި ބަދަލަށްފަހު، ސުލޫކީ މިންގަނޑާއި ޚިލާފުވާ މެންބަރުންނަށް ޕާލަމެންޓަރީ އަދަބެއް ގޮތުގައި ފިޔަވަޅު އެޅިގެންދާނެ ކަމަށާއި މިފަދައިން ޢަމަލުކުރަނީ މަޖިލީހުގެ ގަދަރާއި ޖަލްސާތަކުގެ ހުރުމަތްތެރިކަން ހިފެހެއްޓުމަށާއި ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް ކަމަށް މިއަދު ފާސްކުރި އިސްލާހުގައި ބުނެފައިވެއެވެ.

އާ އިސްލާހުގައި ބަޔާން ކޮށްފައިވާ ގޮތުގައި ސުލޫކީ މިންގަނޑާއި ޚިލާފުވާ މެންބަރުންނަށް މެމްބަރުން ކުރި އަމަލު ކުށްވެރިކޮށް، ރަސްމީ ލިޔުމެއް މެމްބަރަށް ފޮނުވައި އޭގެ ކޮޕީއެއް އެހެން މެމްބަރުންނަށް ފޮނުވަން ޖެހޭނެއެވެ. އަދި އެއީ މަޖިލީހުގެ ގަދަރަށް އުނިކަމެއް ލިބޭ ކަމެއް ކަން އަންގައި މަޖިލީހުގެ ތަޅުމުގައި އިއުލާންކޮށް، އެކަން ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވާނެ ކަމަށް ވެސް މިއަދު ފާސް ކުރި އިސްލާހުގައި ބުނެފައިވެއެވެ.

މީގެއިތުރުން އެޅިގެންދާ ފިޔަވަޅުތަކުގެ ތެރޭގައި ވަކި އަދަދަކަށް މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުންތަކުގައި ބައިވެރިވުން މަހުރޫމް ކުރުމާއި މަޖިލީހުގެ ރަސްމީ ދަތުރުތަކާއި މަޖިލީހުން ފޮނުވާ ވަފުދުތަކުގައި ބައިވެރިވުމުން މަހުރޫމް ކުރުން ހިމެނެއެވެ.

މިއަދު ފާސްކުރި އިސްލާހުގައި ކަނޑައަޅާފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް އެހެން މެމްބަރެއްގެ މުދަލާއި ތަކެއްޗަށް ގެއްލުމެއް ދީފި ނަމަ އެ ގެއްލުމުގެ ބަދަލު މެމްބަރުގެ މުސާރައިން ކެނޑިގެން ދާނެއެވެ.

އެހެންނަމަވެސް މެންބަރަށް އަދަބު ދިނުމުގެ ގޮތުން ބައެއް ޖަލްސާތަކުން މެމްބަރު ސަސްޕެންޑު ކުރިކަމުގައިވީ ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާތަކުގައި އެ މެމްބަރަކަށް ބައިވެރިވެ ވޯޓު ދެވޭނެ ކަމަށް މިއަދު މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުގައި ބުނެފައިވެ އެވެ. އެއީ؛

1. ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ

2. ވަޒީރެއްގެ އިތުބާރު ނެތް މައްސަލަ

3. ފަނޑިޔާރުންނާއި މުއައްސަސާތަކުގެ މެންބަރުން ވަކިކުރުމުގެ މައްސަލަ

4. ދައުލަތުގެ ބަޖެޓު ފާސްކުރުން

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-