-Advertisement-

-Advertisement-

ރައީސާއި ނައިބު ރައީސް އިތުބާރު ނެތް މައްސަލަ ބެލޭގޮތް ބަދަލުކޮށްފި

މަޖިލިސް

އަވަސް އަރުވާލައިގެން ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބުގެ އިތުބާރު ނެތް މައްސަލަ ކުރިއަށް ގެންގޮސް ނިންމޭ ގޮތަށް 19 ވަނަ މަޖިލީހުން ގަވައިދަށް ގެނައި އިސްލާހު ބަދަލުކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބުގެ އިތުބާރު ނެތް މައްސަލަ ކުރިއަށް ގެންގޮސް ނިންމޭ ގޮތަށް 19 ވަނަ މަޖިލީހުން ގެނެސްފައިވާ އިސްލާހުތައް ބަދަލުކުރުމަށް މަޖިލީހުގެ އާންމު ކޮމިޓީން ތައްޔާރުކުރި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ރައީސް އާއި ނައިބު ރައީސް ވަކި ކުރުމުގެ މަރުހަލާ ކުރިޔަށް ގެންދިޔުމަށް ކަނޑައަޅާފައިވާ ވަގުތުތަކާއި މުއްދަތުތަކަކީ އެކަށީގެންވާ ވަގުތުތަކެއް ނޫން ކަމަށެވެ.

މިކަން ރައްޔިތުންގެ މަޖިލި މެންބަރުންނަށް ފާހަގަ ކުރައްވާފައިވާއިރު، ރައީސާއި ނައިބު ރައީސް ވަކިކުރެވޭ މާއްދާއަށް ކުއްލި ގޮތަކަށް ގެނައި އިސްލާހުތަކާ މެދު އޭރު ވެސް ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަ ކުރެވެއެވެ.

ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލަ ކުރިއަށް ގެންގޮސް ނިންމޭ ގޮތަށް 19 ވަނަ މަޖިލީހުން ގެނެސްފައިވާ އިސްލާހުގައި ކަނޑައަޅާފައިވާ ގޮތުން ރައީސް ނުވަތަ ނައިބު ރައީސް ވަކިކުރަން ހުށަހަޅާ ގަރާރެއް ތަހުގީގު ކުރާ ހަތް މެންބަރުންގެ ކޮމިޓީން ގިނަ ވެގެން ފަސް ދުވަސް ތެރޭގައި އެ މައްސަލަ ބަލައި ނިންމަން ޖެހޭނެއެވެ.

މިއަދު ގެނެވުނު އިސްލާހުގެ ދަށުން މިމުއްދަތު 10 ދުވަހަށް ހަދައިފައިވާއިރު، ކޮމިޓީ އަށް އެ މައްސަލާގައި އެއްވެސް މީހަކު ހާޒިރު ކުރާނަމަ ދެ ގަޑިއިރުގެ ނޯޓިސްއެއް ދޭން އޮންނަ މުއްދަތު ވެސް ވަނީ ފަސް ދުވަހަށް ބަދަލުކޮށްފައެވެ.

މީގެ އިތުރުން، ކޮމިޓީގެ ބައްދަލުވުން ބާއްވަން ވެސް މެންބަރުންނަށް ހަ ގަޑިއިރުގެ ނޯޓިސްއެއް ދޭން ޖެހޭ ގޮތަށް އޮތް މާއްދާ 24 ގަޑިއިރަށް ބަދަލު ކޮށްފައިވާއިރު، ތަހުގީގު ކޮމިޓީގެ ރިޕޯޓަށް ޖަވާބުދާރީވާން ރައީސަށް ދެ ދުވަހުގެ މުއްދަތެއް ލިބިވަޑައިގަންނަވާ ގޮތަށް އޮތް އިރު، މިއަދު ފާސްކޮށްފައިވާ އިސްލާހުން އެ މުއްދަތު ވެސް ވަނީ ހަތް ދުވަހަށް އިތުރު ކޮށްފައެވެ.

މަޖިލީހުން މިއަދު މިއިސްލާހުތައް ފާސްކޮށްފައި ވަނީ ތަޅުމަށް ހާޒިރުވެ ތިއްބެވި 65 މެންބަރުންގެ ތެރެއިން 64 މެންބަރުންގެ ތާއީދާ އެކުގަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-