މި ދުވަސްވަރު އައްޑޫ ސިޓީގެ ރަށްތަކުން ތަކުރާރުކޮށް ކަރަންޓު ކެނޑެނީ ކެޕޭސިޓީގެ މައްސަލައިގެ ސަބަބުންނާއި މި ދުވަސްވަރު އައްޑޫ ސިޓީގެ މަގުތައް ހަދަމުންދާތީ ކޭބަލްތަކަށް ލިބޭ ގެއްލުންތަކުގެ ސަބަބުންކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
އައްޑޫއިން ކަރަންޓު ކެނޑޭކަމަށް ބުނެ އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އިއްޔެ ވަނީ ކުއްލި މައްސަލައެއް ހުށަހަޅައިފައެވެ. މި ކުއްލި މައްސަލަ ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ.
ކަރަންޓުގެ މައްސަލައާ ގުޅިގެން ފެނަކައިން އިއްޔެ ވަނީ ނޫސް ބަޔާނެއް ނެރެފައެވެ. ފެނަކައިން ބަޔާންކުރާ ގޮތުގައި އައްޑޫއަށް ދިމާވެފައިވާ މައްސަލައަކީ ކަރަންޓު އުފައްދާނެ ކެޕޭސިޓީ ނެތުމާއި އައްޑޫގައި މަގު ހެދުމުގެ މަސައްކަތްކުރާ އެފްކޮންސް ކުންފުނީގެ އަތުން އެޗްވީ ކޭބަލާއި ނެޓްވޯކަށް ތަކުރާރުކޮށް ގެއްލުންވުމެވެ.
އައްޑޫގައި މިހާރު ހަރުކޮށްފައި ހުރި ޖެންސެޓްތަކުގެ ތެރެއިން 1.8 މެގަވޮޓްގެ އިންޖީނަށް ދިމާވި މައްސަލައެއްގެ ސަބަބުން ބޭނުންވާ މިންވަރަށް ކަރަންޓު އުފެއްދުމަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށް ފެނަކައިން ބުނެއެވެ. އަދި އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް ދަތިމާ މައިގަނޑު އެއް ސަބަބަކީ މިއީކަމުގައި އެ ކުންފުނިން ބުނެއެވެ.
އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރާނެކަމަށް ފެނަކައިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.